ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ތިން މަސް ދުވަހުގެ ތެރޭގައި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް 30 މިލިއަން ޑޮލަރު ޖަމާކޮށްފައިވާކަމަށް އިކޮންމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު ތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހއ. ކެލާއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއެކު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިކޮންމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވީ ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރީ ދެ މިލިއަން އެމެރިކާ ޑޮލަރާއި 2.4 މިލިއަން ދިވެހި ރުފިޔާކަމަށެވެ.

އެހެން ނަމަވެސް ސަރުކާރުން މިހާރު އަޅަމުންގެންދާ ފިޔަވަޅުތަކާއެކު 30 މިލިއަން ޑޮލަރު 3 މަސް ދުވަހުގެ ތެރޭގައި އެ ފަންޑަށް ޖަމާވެފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.

"އަހަރެއްގެ ތެރޭ 130 މިލިއަން ޑޮލަރު ފަހަށް ރައްކާ ކުރެވޭ މި ފަންޑަށް ޖަމާވާނެ. ޒިންމާދާރު ރިފޯމުތަކާއެކު މި ޤައުމުގެ ކުރިމަގު ދާނީ ބާރު ސްޕީޑުގައި ކުރިއަށް." ކުރީގެ މަޖިލީހުގެ މެމްބަރު ކަން ވެސް ކުރެއްވި ސަޢީދު ވިދާޅުވިއެވެ.

މީގެ އިތުރުން ސަޢީދު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރުމަށް ގިނަ ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުންގެންދާ ކަމަށެވެ.

އެގޮތުން ދިވެހި ފައިސާގެ އަގު ހިފެހެއްޓުމަށް ފައިސާ ޗާޕުކުރުން ހުއްޓާލާފައިވާ ކަމަށާއި، އެކަން މިއަދު ދުނިޔޭގެ މާލީ އިދާރާތަކުންވެސް ބަލައިގެންފައިވާކަމަށް ސައީދު ވިދާޅުވިއެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން