ރާއްޖެ ބަނގުރޫޓް ނުވެ ސަލާމަތްވީ ސަރުކާރުން އެޅި ހަރުދަނާ އަވަސް ފިޔަވަޅުތަކުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ އުތުރުގެ ރަށްތަކަށް މިހާރު ކުރައްވާ ދަތުރުފުޅުގައި މިއަދު ހަވީރު ހއ. ބާރަށައް ވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެެވެ.

މިޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ އިގްތިސާދު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށެވެ. އެހެންކަމުން އިގްތިސާދީ ހާލަތުން އަރައިގަތުމަށް ސިޔާސީ ގޮތުން ދަތި އުނދަގޫ ނިންމުންތަކެއް ނިންމަންޖެހުނު ކަމަށާއި ނަތީޖާ އެއްގެ ގޮތުން އިގްތިސާދު ހާލަތު މިހާރު ރަނގަޅުވަމުންދާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެ ނިންމުންތައް ނިންމަން ޖެހިވަޑައިގަތީ ރައްޔިތުންނަށް ވީ ވައުދުތައް އެންމެ ފުރިހަމައަށް ފުއްދަވައިދެއްވަން ބޭންފުޅު ވާތީ ކަމަށެވެ.

ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި ވޯލްޑް ބޭންކުން ވެސް ތައުރީފް ކޮށްފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ސަރުކާރުން ކުރާ މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސާދު ހަމަ މަގަށް އަޅުވޭނެ ކަމަށެވެ.

ރައީސް އިތުރަަށް ވިދާޅުވީ ސަރުކާރުން އަޅާ ފިޔަވަަޅުތަކުން އިގުތިސާދީ މި ހާލަތުން އަރައިގަނެ، ބޭރުގެ އިންވެސްޓަރުންނާއި ބޮޑެތި ވިޔަފާރިތަކުގެ އިތުބާރު ހޯދަން މަގުކޮށައިދޭނެ ކަމަށެވެ. އެހެން ނަމަވެސް ފަސޭހަ ގޮތް ހިޔާރުކޮށް، ފައިސާ ޗާޕްކުރަމުންދިޔަ ނަމަ އެ އިތުބާރާއި ޔަގީންކަން ނުހޯދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އިޤްތިޞާދު ވެއްޓިފައިވާ އަނދަވަޅުން ނަގައި ކޮޅަށްޖެހުމަށް ފުރަތަމަ ދުވަހު މަސައްކަތް ފެށީ. އެހެން ނޫނީވިއްޔާ، އެ މަސައްކަތް ނުފަށައި މިއަދާ ހަމަޔަށް އައިނަމަ، އަޅުގަނޑުމެން ތިބޭނީ ޑިފޯލްޓް ވެފައި. މާނަޔަކީ ބޭރުގެ ދަރަނިތައް ދެއްކުމުގައި އަޅުގަނޑުމެން ތިބޭނީ ފެއިލްވެފައޭ. އަޅުގަނޑުމެން ތިބޭނީ އަޅުގަނޑުމެންނަށް އަރައިނުގަނެވޭ ހިސާބަކަށް ގޮސްފައި." ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން