ދިވެހިންގެރާއްޖެ ޔަގީން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ހޯދައިދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

ހދ. ނެއްލައިދޫ ރައްޔިތުންނާ މިއަދު ހަވީރު ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ދިވެހިންގެރާއްޖެ ޔަގީން ވާނީ ރައްޔިތުންގެ މަޖިލިސް ސަރުކާރަށް ލިބިގެން ކަމަށެވެ.

ރައީސް ވިދާޅުވީ ދިވެހިންގެރާއްޖެ ހޯދުމަށް ރިޔާސީ އިންތިހާބުގައި ރައްޔިތުން ގޮތް ނިންމެވި ކަމަށެވެ. އެހެންކަމުން ދިވެހިންގެރާއްޖެ މަޖިލީހަށް މިހާރު ދާންޖެހޭ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ވޭތުވެ ދިޔަ ތިން މަހު ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހިނގީ އެއްވެސް އަސާސެއް ނެތި ކަމަށެވެ. އަދި މަޖިލީހުން އަމަލުކުރަނީ މެމްބަރުންގެ މައްޗަށް ބާރު ފޯރުވާ ބަޔަކު އަންގާ ގޮތަކަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މިހާރު މަޖިލީހުގެ މަސައްކަތްތައް ހިނގަނީ ޒިންމާދާރު މެމްބަރުންތަކެއް ތިބޭ މަޖިލީހެއްގައި ކަންތައް ކުރާނެ ގޮތަކަށް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކެބިނެޓަށް އައްޔަން ކުރެއްވި ތިން ވަޒީރަކަށް މަޖިލީހުން ރުހުން ނުދިނީ ވެސް އެއްވެސް ސަބަބެއް ނެތި ކަމަށެވެ.

"މިކަހަލަ އެތަށް ކަމެއް މިކުރަނީ، ގައުމާއި ދޭތެރޭގައި ކަންކަންވެގެންދިޔަ ގޮތާއި މެދު ވިސްނާލީމަ އެނގޭނެ މިހާރު ވެސް އެ ހިނގަނީ ކޮންކަމެއްކަން، އެހެންވީމަ އަޅުގަނޑުމެން ފާރަވެރިވާން އެބަޖެހޭ، ދިވެހިންގެ ރާއްޖެއަށް އެއްކޮށް ގެންގޮސް ދިވެހިންގެ ރާއްޖެ ޔަގީން ކުރުމަށްޓަކައި އަދި އެއް މަރުހަލާ އެބައޮތް، އެއީ މަޖިލިސް އިންތިހާބު." ރައީސް ވިދާޅުވިއެވެ

ރައީސް ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުން ވޯޓުލާއިރު ގައުމީ އަދި ތަރައްގީގެ ވިސްނުމަށް ކަމަށް އިސްކަންދެއްވުމަށް އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން