ކޮވިޑް-19ގެ ތެރޭގައި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ކުރީގެ ސަރުކާރުން ރާއްޖެ ގެންނަން ނިންމި ވެންޓިލޭޓަރުތައް ފޯރުކޮށްނުދޭ މައްސަލާގައި އެ ކުންފުނިން 32 މިލިއަން ރުފިޔާގެ ބަދަލެއް ދިނުމަށް އާބިޓްރޭޝަނުން އަންގައިފިއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އާބިޓްރޭޝަންގެ ފަހު ބަސް މިދިޔަ ހަފުތާގެ ބުދަ ދުވަހު ނެރެފައިވާ ކަމަށާއި ވެންޓިލޭޓަރުތަކުގެ އަގަށް ޖެހޭ 1،888،750 އެމެރިކާ ޑޮލަރު ދިވެހި ސަރުކާރަށް ދެއްކުމަށް އާބިޓްރޭޝަނުން އަންގާފައިވާ ކަމަށެވެ. އަދި މޭ، 2 2021 އިން ފެށިގެން އެ ފައިސާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގެ ފަރާތުން ދިވެހި ސަރުކާރަށް ދެއްކުމާ ހަމައަށް އިންޓަރެސްޓްގެ ގޮތުގައި އަހަރަކު ދެ ޕަސެންޓަށްވާ ފައިސާ ވެސް އެ ކުންފުނިން ދިވެހި ސަރުކާރަށް ދައްކަން ޖެހޭނެ ކަމަށް އާބިޓްރޭޝަނުން ނިންމި ކަމަށް އެބަޔާނުގައި ބުނެފައިވެެއެވެ.

އެޓާނީ ޖެނެރަލް އޮފީހުގެ ބަޔާނުގައި ބުނިގޮތުގައި އާބިޓްރޭޝަންގައި މައްސަލަ ކުރިއަށް ގެންދިޔައިރު، މައްސަލަ ރައްދުވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އިން ހާޒިރެއް ނުވެއެވެ. އާބިޓްރޭޝަނަށް އެ ކުންފުނިން ދައްކަން ޖެހޭ ފައިސާ ނުދައްކައި ކުރިއަށް ދިއުމުން އެ ފައިސާ ވެސް ރާއްޖެއިން ވަނީ ދައްކާފައެވެ. ރާއްޖެއިން އެ ގެއްލުމުގެ ބަދަލު ނަގައިދޭން އާބިޓްރޭޝަންގައި ވަނީ އެދިފައެވެ.

އެކަމާ ގުޅިގެން އާބިޓްރޭޝަނުން ނިންމި ނިންމުމުގައި އެ ހަރަދުގެ ގޮތުގައި ދިޔަ 132،865 ޑޮލަރު ދިވެހި ސަރުކާރަށް ދެއްކުމަށާއި އެ ފައިސާ ދެއްކުމާ ހަމައަށް ދެ ޕަސެންޓުގެ އިންޓްރެސްޓު ދައްކަންވެސް އަންގާފައި ވެއެވެ. އަދި ރާއްޖެއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުން ޖުމުލަ 2245365 ޑޮލަރު ނުވަތަ 34.62 މިލިއަން ރުފިޔާ ދިވެހި ސަރުކާރަށް ދައްކަން އާބިޓްރޭޝަނުން ވަނީ ނިންމާފައެވެ.

ކޮވިޑް-19ގެ ދުވަސްވަރު ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ޙަވާލުކޮށްގެން ގެންނަން މަސައްކަތްކުރި 75 ވެންޓިލޭޓަރުގެ ތެރެއިން މިހާތަނަށް ލިބުނީ 15 ވެންޓިލޭޓަރެވެ. ނަމަވެސް ވެންޓިލޭޓަރުތައް ގަންނަން ހަރަދު ކުރަން ސަރުކާރުން ނިންމާފައިވާ 34 މިލިއަން ރުފިޔާގެ ތެރެއިން އެޑްވާންސްގެ ގޮތުގައި ބޭންކު ގެރެންޓީއާ ނުލާ 30 މިލިއަން ރުފިޔާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަށް ކުރީގެ ސަރުކާރުން ވަނީ ދޫކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން