އައްޑޫ ސިޓީގައި ގާއިމުވެ ތިބި އިންޑިއާ ސިފައިންގެ ބަދަލުގައި ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމަށް އަންނަ ސިވިލިއަނުންގެ ކްރޫ މިއަދު ރާއްޖެ އައިސްފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން މިރޭ ބުނެފި އެވެ.

ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ޓީމު މިރޭގެ ވަގުތެއްގައި އައްޑޫއަށް ގޮސް ހޭންޑްއޯވާ އަދި ޓޭކްއޯވާގެ ކަންކަން ފުރިހަމަ ކުރަން ފަށާނެ ކަމަށާއި އަދި ކަނޑައެޅިފައިވާ ތާރީހަށް އައްޑޫގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ރާއްޖެއިން ފައިބާނެ ކަމަށެވެ.

ޑިފެންސް މިނިސްޓްރީއިން ބުނީ އައްޑޫގައި ތިބި އިންޑިއާ ސިފައިން ބަދަލުވުމުގެ މަރުހަލާތަކުގައި ހިމެނިގެން ގަމުގައި ސްޓޭޝަންކޮށްފައިވާ ހެލިކޮޕްޓަރު މަރާމާތަށް އިންޑިއާއަށް ގެންދިޔުމަށްޓަކާ މާދަމާއިން ފެށިގެން އެ ހެލިކޮޕްޓަރުގެ ޓެސްޓް ފްލައިޓްތަކެއް ކުރިއަށްގެންދާނެ ކަމަށެވެ.

އަދި އެ ހެލިކޮޕްޓަރު ގެންދިޔުމަށާއި، އެ ހެލިކޮޕްޓަރުގެ ބަދަލުގައި ގެންނަ ހެލިކޮޕްޓަރު ހިފައިގެން އަންނަ އިންޑިއާގެ މަނަވަރު މި މަހުގެ 28 ވަނަ ދުވަހު އައްޑުއަށް އައުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން ލ. ކައްދޫ އާއި ހދ. ހަނިމާދޫގައި ތިބި އިންޑިއާ ސިފައިން އަންނަ މޭ މަހުގެ 10 ގެ ކުރިން ފޮނުވާލުމުގެ ކަންކަން އޮމާންކަމާއެކު ފުރިހަމަކޮށް ނިންމުމަށް ކުރަންޖެހޭ ކަންކަން ޑިޕްލޮމެޓިކް ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ސަރުކާރުން ކުރަމުންދާ ކަމަށް ބަޔާނުގައި ވެއެވެ. އަދި

ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ސިޔާދަތާއި ދިވެހިންގެ މިނިވަންކަމާއި އަމިއްލަވަންތަކަން ހިމާޔަތްކޮށް ރައްކާތެރިކުރެވޭނެހެން، ރަހުމަތްތެރި ގައުމުތަކާއެކު ދިފާއީ އަދި ސަލާމަތީ ގުޅުންތައް ބަދަހިކޮށް ދެމެހެއްޓުން ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން