މިފްކޯ އެސްޓީއޯގެ ދަށުން ވަކިކުރުމަކީ މި ސަރުކާރުން ހެދި ގޯހެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެެ.

އެމްޑީޕީ މަޖިލިސް ކެމްޕޭނު ލޯންޗުކުރުމަށް މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވީ މިފްކޯ އެސްޓީއޯގެ ދަށުން ވަކިކުރުމަކީ މި ސަރުކާރުން ހެދި ގޯހެއް ކަމަށާއި މިވަގުތަކީ އެކަން ކުރަންވީ ވަގުތެއް ނޫން ކަމަށެވެ. އެމަނިކުފާނު ވަނީ މިފްކޯ އެސްޓީއޯ ދަށުން ވަކިކުރުމަށް ނިންމި ނިންމުން ބަދަލު ކުރުމަށް ގޮވާލައްވާފައެވެ.

"އަޅުގަނޑުމެންގެ ވެރިކަމުގައި ވެސް ތިން ފަހަރު ހަތަރު ފަހަރު އެ ފީސިބިލިޓީ ހަދާފައި އަޅުގަނޑާއި ހިސާބަށް ގެނައި. އެހެން ނަމަވެސް އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވުނު އެއީ އެންމެ ރަނގަޅު ގޮތް ކަމަކަށެެއް، މިއަދު މިފްކޯއިން ފައިސާއެއް ހޯދަން ބޭންކަކަށް ވަދެ ބުނެގެނެއް ނުދޭނެ އެހެން ނަމަވެސް އެސްޓީއޯގެ ދަށުގައި އޮތްނަމަ އަދިވެސް ގޮތްގޮތް ހޯދުނީސް،" ރައީސް ސޯލިހް ވިދާޅުވިއެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މި ސަރުކާރުގެ މިސްރާބު ހަަމަމަގުން ނެއްޓިފައިވާ ކަމަށެވެ. އަދި މިހާރު ރާއްޖޭގައި އޮތީ ގޮތް ދޫނުކުރާ ބޯހަރު ސަރުކާރެއް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މި ސަރުކާރަށް ގައުމުގެ ކަންކަން މެނޭޖް ކުރަން ނޭގޭ ކަމަށެެވެ. އެހެންކަމުން ގައުމު ހަމަމަގަށް އެޅުވުމަށް މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ހޯދައިދިނުމަށް ރައީސް ސޯލިހް އެދިވަޑައިގެންނެވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ ރާއްޖެއަކީ ގައުމިއްޔަތެއް އޮތް މިނިވަން ގައުމެއް ކަމަށެވެ. އެހެން ނަމަވެސް މިއަދު ވެރިކަމުގައި ތިއްބެވި ބޭފުޅުން އުޅުއްވަނީ އާ ގައުމެއް އުފައްދައިގެން އުޅޭހެން ކަމަށްވެސް ސޯލިހް ވިދާޅުވި އެވެ.

"ބަލަ މިވީހާ ދުވަހު މި ރާއްޖެ ހިންގިއޭ ބަޔަކު. ހަމަ އެ ހުރިހާ ކަމެއް ބަރާބަރަށް ހިނގަމުންނޭ ދިޔައީ. އަޅުގަނޑު ދަންނަވާނީ ހަމަ ބޯހަރީއޭ. ގޮތް ދޫނުކުރަނީއޭ،" ރައީސް ސޯލިހު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން