ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެންފިނަމަ ރައްޔިތުންގެ ނިންމުންތައް ދިފާއުކުރެއްވުމުގައި ދެމިހުންނަވާނެކަމުގެ ޔަގީންކަން މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާޙީމް ދެއްވައިފިއެެވެ.

ޤާސިމް މިހެން ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި މާމިގިލީ ދާއިރާއަށް ވާދަކުރައްވައި، އެ ދާއިރާގެ ރައްޔިތުންނަށް ފޮނުއްވި ސިޓީފުޅެއްގައެވެ.

މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ވިދާޅުވީ، އެ ދާއިރާގެ ރައްޔިތުންނަކީ އެމަނިކުފާނުގެ ހިތުގެ އެއްބައިކަށާއި، އިންތިޚާބުގެ މި ރޭހުގައި ވާދަކުރާ މާމިގިލީ ދާއިރާގެ އެހެން ކެންޑިޑޭޓުންގެ އާއިލާއަކީ، އިއްޔެވެސް އަދި މާދަމާ ވެސް އެމަނިކުފާނުގެ އާއިލާ ކަމަށެވެ. އަދި މާމިގިލީ ދާއިރާ އަކީ ރާއްޖޭގެ އަތޮޅެއްގައި އޮތް، ތަރައްގީގެ ނާރެހުގައި އެންމެ ކުރިއަރާފައިވާ ދާއިރާއަށް ހެދުމަކީ އަބަދުވެސް އެމަނިކުފާނުގެ އުއްމީދު ކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ އަމިއްލަފުޅު މަސައްކަތްޕުޅުންނާއި ފާއިތުވީ އެކިއެކި ސަރުކާރުތަކާއެކު، ރައްޔިތުން ގުޅިގެން ކުރެވުނު މަސައްކަތުގެ ނަތީޖާ ދާއިރާގެ ރައްޔިތުންނަށް ފެންނާނެކަމަށް ޤާސިމް ވިދާޅުވިއެވެ.

މީގެ އިތުރުން ޤާސިމް ވިދާޅުވީ މީގެ 20 އަހަރު ކުރިން މި ދާއިރާގެ ދެ ރަށް އޮތް ގޮތާއި މިހާރު މި ސަރަހަައްދަށް ގެނެވިފައިވާ އުމްރާނީ ކުރިއެރުންތަކުގެ ފަސޭހަތަކާއި ނަފާ، ދާއިރާގެ ރައްޔިތުންނަށް ސީދާގޮތެއްގައި ލިބެމުންދާ ކަމަށެވެ. އަދި ވަޒީފާގެ ފުރުސަތުތަކާއި، ދަތުރުފަތުރުކުރުމާއި ވިޔަފާރިއާއި އިގްތިސާދާއި އާންމު އިޖްތިމާއީ ހާލަތު، ﷲ ގެ ތަނަވަސް ރަހްމަތްފުޅުން، ކުރިއަށް ވުރެ މާ ބޮޑުތަނުން ވެސް ތަރައްގީކުރެވިފައިވާކަމަށް ޤާސިމް ވިދާޅުވިއެވެ.

ވޭތުވެދިޔަ 40 ވަރަކަށް އަހަރު، އިޖްތިމާއީ، އިގްތިޞާދީ އަދި ސިޔާސީގޮތުން ނުހަނު ބޮޑެތި މަސައްކަތްތަކެއް ކޮށް، ނަތީޖާތަކެއް ނެރެދެވުނުކަމަށް ޤާސިމް ވިދާޅުވިއެވެ. އެގޮތުން، 2008 ވަނަ އަހަރު ވުޖޫދުކުރި ޤާނޫނުއަސާސީ ހަގީގަތަކަށް ހަދައި، އެ ގާނޫނުއަސާސީގައި ރައްޔިތުންނަށް ލިބިދީފައިވާ ހައްގުތަކާއި، މިނިވަންކަން ހޯދައިދިނުމުގައި، އެންމެ ބޮޑު މަސްއޫލިއްޔަތަކާއި، އެންމެ ބޮޑު ނުރައްކަލެއްގެ ތެރޭގައި، އެންމެ ބޮޑު ޚަރަދެއްކޮށް، އެންމެ ގިނަ އަނިޔާއާއި ނިކަމެތިކަން ލިބި، އެންމެ ބުރަކޮށް މަސައްކަތްކުރެއްވީ ވެސް، މިއަދު އެ ދާއިރާގެ ރައްޔިތުންގެ މަންދޫބެއްގެ ގޮތުގައި މެމްބަރުކަން ކުރައްވަމުން ގެންދަވާ ޤާސިމް އިބްރާހިމް ކަމާމެދު، މި ގައުމުގެ ތާރީޚް ދެބަސް ނުވާނެކަމަށް ޤާސިމް ވިދާޅުވިއެވެ.

ގިނަ ޕާޓީ އެކުލެވޭ، ދައުލަތުގެ ތިން ބާރު ވަކިވެފައިވާ ސިޔާސީ ނިޒާމަކާއެކު، ރާއްޖޭގެ ވެރިކަމުގެ ވައްޓަފާޅިއަށް ގެނެވުނު އިންގިލާބީ ބަދަލުތަކުގެ ފޮނިމީރުކަން ރައްޔިތުންނަށް މިއަދު ލިބެންދާއިރު، ޤާނޫން އަސާސީ ނިންމި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ވެސް އަދި އެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރެއްވި މުހިންމު މަސައްކަތާމެދު އެމަނިކުފާނު އަބަދުވެސް ގަބޫލުކުރައްވާ އެއް ހަމައެއް އޮންނަކަމަށް ޤާސިމް ވިދާޅުވިއެވެ.

މަޖިލީހުގައި، އެއްވެސް ސަރުކާރެއްގެ ނުވަތަ އެއްވެސް އެހެން މީހެއްގެ ނުފޫޒަށް ދީލާނުލާ، ރައްޔިތުންގެ ނިންމުން ދިފާއުކުރަށްވާ މެމްބަރަކަށް އަބަދުވެސް އެމަނިކުފާނު ވެވަޑައިގަންނަވާނެ ކަމަށާއި، ﷲ ގެ އިރާދަފުޅުން، މެމްބަރެއްގެ ހައިސިއްޔަތުން ކުރައްވަން ޖެހިވަޑައިގަތް ކޮންމެ ކަމެއް ވެސް ކުރައްވާނެކަމަށް، އަދި އެފަދަ ކަމެއް ނުކުރުމުގެ ސަބަބުން ރައްޔިތަކަށް އަދި ގައުމަށް މިހާތަނަށް އެއްވެސް ބާވަތެއްގެ ދެރައެއް ނޫނީ ނިކަމެތިކަމެއް ލިބިފައި ނުވާނެކަމަށް ޤާސިމް ވިދާޅުވިއެވެ.

ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް، ތަޖުރިބާއާއި ހިކުމަތްތެރި، އަދި ވިސްނުމާއި ޤާބިލުކަންހުރި ފަރާތްތަކަށް، ޤާނޫނުހަދާ މަޖިލީހަށް އިންތިޚާބުކުރާކަން ފާހަގަކުރައްވައި، އެކަން އެގޮތަށް ކުރަނީ، އެފަދަ ފަރާތްތަކުގެ ހިކުމަތްތެރި ތަޖުރިބާ، ޤާނޫނުހަދާ މަޖިލީސްތަކަށް ބޭނުންވާތީ ކަމަށާއި، އެކަމުގެ ފައިދާ އެ ގައުމުތަކުގެ ޤާނޫނީ ހަޔާތަށާއި ރައްޔިތުންނަށް ލިބިގެންދާތީކަމަށް ޤާސިމް ވިދާޅުވިއެވެ.

އެހެންކަމުން، މަޖިލިސް އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓަކީ އާއިލާގެ މީހެއްތޯ، ތިމާގެ މީހެއްތޯ، ރައްޓެއްސެއްތޯ ނުވަތަ ޕާޓީގެ މީހެއްތޯ ނުބައްލަވައި، ޖުމުލަކޮށް މުޅި ގައުމުގެ ފައިދާއާއި ލާބައަށް ވިސްނެވުމަށްފަހު، އެމަނިކުފާނަށް ދާއިރާއިން ލިބިވަޑައިގެންފައިވާ ތަޖުރިބާއަށް ބާރޯސާވެ، އެމަނިކުފާނަށް ވޯޓު ދެއްވުމަށް ޤާސިމް ވަނީ އެދިވަޑައިގެންފައެވެެ.

ﷲ ތަޢާލާގެ އިރާދަފުޅާއެކު، އެމަނިކުފާނު ގަދައަޅާ މަސައްކަތްކުރައްވާނީ، އަންނަން އޮތް ދައުރަކީ ވެސް ދިވެހި ގައުމާއި ދިވެހި ރައްޔިތުންނަށް ފާގަތި، ހެޔޮ އަދި އުފާވެރި ދުވަސްތަކަކަށް ހެއްދެވުމަށް ކަމަށް ގާސިމްގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

ވޭތުވެ ދިޔަ މަޖިލީހުގެ ތިން ދައުރު ވެސް މާމިގިލީ ދާއިރާގެ ގޮނޑި ފުރުއްވާފައިވަނީ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ. ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ގާސިމަކީ އާ ގާނޫނު އަސާސީ ވުޖޫދަށް ގެނައުމަށް އިސްދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. ހާއްސަ މަޖިލީހުގެ މެމްބަރު ކަމާއި މަޖިލީހުގެ ރައީސް ކަން ގާސިމް ކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން