އިދިކޮޅު އެމްޑީޕީން ގެންގުޅެނީ އެހެން ފަރާތެއްގެ މަސްލަހަތު ހިމާޔަތް ކުރުމުގެ އެޖެންޑާއެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެެ.

ށ. ކަނޑިތީމަށް މިއަދު ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މަޖިލިސް މިއަދު ވަނީ ވަރަށް ބޮޑަށް ސިޔާސީވެފައި ކަމަށެވެ.

އެގޮތުން އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ މެމްބަރުން ވެސް މަޖިލީހުގައި އިސްކުރަނީ ޕާޓީ ލައިން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"މާ ބޮޑަށް ސިޔާސީވެފައި މި އޮންނަނީ. ޕާޓީލައިނުން ވަރަށް ބޮޑަށް އަދި އަމުދުން މިހާރުގެ އިދިކޮޅު ޕާޓީން ވަރަށް ބޮޑަށް ޕާޓީލައިން ނަގަނީ ކަންކަމުގައި. ތަރައްގީގެ ވިސްނުމެއް ނޫން، ގައުމަށް ފައިދާހުރި ކަންކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ މަޖިލިސް މެމްބަރުން މަޖިލީހުގައި އަމަލުކުރަނީ ތަރައްގީ ގެނައުމުގެ ވިސްނުމުގައި ނޫން ކަމަށެވެ.

އެގޮތުން އެމްޑީޕީން އަމަލު ކުރަނީ ގައުމަށް އެންމެ ފައިދާ ހުރި ގޮތަކަށް ނޫން ކަމަށާއި އެޕާޓީން ގެންގުޅެނީ އެހެން ފަރާތެއްގެ މަސްލަހަތު ހިމާޔަތް ކުރުމުގެ އެޖެންޑާއެއް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"އެ ފަރާތްތަކުގެ އަމިއްލަ ވަކި މަސްލަހަތު ތަކެއް އަދި އަމުދުން މިހާރު ފެންނަގޮތަށް މިދިޔަ ތިން މަސްދުވަހު ކަންކަން ފެނިގެންދިޔަ ގޮތުން ވިއްޔާ މީގެ ކުރިން އެބޭފުޅުން ވެރިކަމުގައި ތިއްބެވިއިރު ގައުމާއި ދޭތެރޭގައި ކަން ކުރި ގޮތަށް ބަލާއިރު މުޅިން އެހެން ފަރާތެއްގެ މާ ބޮޑެތި މަސްލަހަތުތަކެއް ހިމާޔަތް ކުރުމުގެ އެޖެންޑާއެއް ގެންގުޅެނީ، މިއީ ރާއްޖޭގެ ހާލަތު، އެހެންވެގެން މިދެންނެވީ އެކަމުގައި ރައްޔިތުން ވިސްނަވަން،" ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން