ހުޅުމާލޭގައި އިތުރު ހޮސްޕިޓަލެއް އަޅުއްވާނެ ކަމުގެ އުއްމީދު ރައީސް ޑރ، މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

ހުޅުމާލެ ފްލެޓްގައި ދިރިއުޅޭ މުހައްމަދު ރިޔާޒް ކިޔާ މީހަކު ސޯޝަލް މީޑިއާ މެދުވެރިކޮށް ރައީސާ ކުރި ސުވާލެއްގައި ބުނީ ހުޅުމާލެ ހޮސްޕިިޓަލު އަދިވެސް އޮތީ ކުރީގައި އޮތް ހާލަތުގައި ކަމަށެވެ.

ހަމަ އެހެންމެ އެތެރެ ހަށީގެ މީހަކަށް ދައްކާލަން ވެސް ހުޅުމާލެ ހޮސްޕިޓަލުގައި 500 އަށްވުރެ ގިނަ މީހުންގެ ކިއުއެއް އޮންނަ ކަމަށް ރިޔާޒް ބުންޏެވެ.

އެހެންވެ ހުޅުމާލެ ހޮސްޕިޓަލުގެ ހިދުމަތް ރަނގަޅުކުރަން ރައީސް ގެންގުޅުއްވާ ސިޔާސަތާ ގުޅޭ ގޮތުން ރިޔާޒް ސުވާލު ކުރިއެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި ރައީސް މުއިއްޒު ވިދާޅުވީ މާލޭ ސަރަހައްދުގެ ސިއްހީ ނިޒާމް ވަރުގަދަ ކުރުމަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް ކަމަށެވެ.

އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލުގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި މިހާރު އޮތީ ފެށިފައިކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެެވެ.

އަދި އެ މަޝްރޫއުގެ ތެރޭގައި އައިޖީއެމްއެޗް، ވިލިމާލެ އަދި ހުޅުމާލެ ހޮސްޕިޓަލު ވެސް ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

"ހުޅުމާލޭގައި މިހާރު ލައްކައެއްހާ މީހުން ފޭސް އެކަކާއި ދޭއްގައި ދިރިއުޅެމުންދާ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ. އެހާ ގިނަ މީހުންނަށް ހިދުމަތް ދޭއިރު ހުޅުމާލެ ހޮސްޕިޓަލުގެ ފެންވަރު އިތުރު ކުރަން ޖެހޭ. އަދި އިތުރު ހޮސްޕިޓަލެއް ވެސް އަޅަން ޖެހޭ. އެހެންވީމާ މި މަސައްކަތް އަޅުގަނޑުމެން ކުރިއަށް ގެންދާނީ އިރާދަ ކުރެއްވިއްުޔާ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް. އަދި ޖުމްލަކޮށް މާލެ ސިޓީގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް، އެންމެ ރަނގަޅު ފެންވަރުގައި ސިއްހީ ހިދުމަތް ރަނގަޅު ކުރުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ދާކަން ދަންނަވާލަން. އިރާދަ ކުރެއްވިއްޔާ އޭގެ ނަތީޖާ ފެންނަމުންދާނެ." ރައީސް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން