އިދިކޮޅު އެމްޑީޕީއަށް އަލުން ވެރިކަން ދީގެން ގައުމު ހަމަމަގުން ކައްސާލަން ރައްޔިތުން ފުރުސަތު ނުދޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އަތޮޅުތެރެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ށ. މިލަންދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އެމްޑީޕީއަށް އަލުން ވެރިކަން ދީގެން ގައުމު ހަމަމަގުން ކައްސާލަން ރައްޔިތުން ފުރުސަތު ނުދޭނެ ކަމަށެވެ. ސައީދު ވިދާޅުވީ އެމްޑީޕީން ވެރިކަމަށް އަންނަ ކޮންމެ ފަހަރަކުވެސް ގައުމު ނާމާންކަމެއްގެ ތެރެއަށް ވައްޓާލައި ގައުމުގެ ހުރި ހަރުމުދާކޮޅު ވިއްކާލައި ރާއްޖެ ގަންބާލާ ކަމަށެވެ. އަދި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ އެމްޑީޕީން ރާއްޖޭގެ އިގްތިސާދަށް ގެއްލުންދިނުމަށް ރޭވިގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ސައީދު ތުހުމަތުކުރެއްވިއެވެ.

"އެހެންވީމަ ނޫންތޯ މިކަހަލަ ދެކޮޅު ނުޖެހޭ ބުހުތާނު ދޮގު ވާހަކަތަައް ދައްކަން ޖެހޭނީ ކޮންކަމެއްތޯ ތިން މަސް ނުވާ ރައީސެއް ބުރަ މަސައްކަތް އެކުރައްވަނީ،" ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ ރައީސް މުއިއްޒު އިތުރުފުޅު ނުހައްދަވާ ކަމަށާއި އެކަމަށް ކައުންސިލްތަކާއި ޑަބްލިއުޑީސީ އާއި ދިވެހި ރައްޔިތުން ހެކިވާނެ ކަމަށެވެ. ސައީދު ވިދާޅުވީ ރައީސް ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ދައުލަތުގައި ފައިސާއެއް ނެތް ކަމަށާއި ގައުމު އޮތީ ބަނގުރޫޓްވުމުގެ ތުންފަތްމަތީގައި ކަމަށެވެ.

"މިދަތި ހާލުގައި 30 މިލިއަން ޑޮލަރު ތިން މަސް ދުވަސް ތެރޭގައި ސޮވެރިން ފަންޑަށް ޖަމާކޮށްފި، މިރޭޝިއޯއިން ބަލާނަމަ އަހަރެއްގެ ތެރޭގައި 100 މިލިއަން އެމެރިކާ ޑޮލަރު ތިބޭފުޅުންގެ ފަހަށް ރައްކާކުރާ އެކައުންޓަށް ރާއްޖެ ނަގާ ލޯނު އަދާކުރާ އެކައުންޓަށް ރައީސް ޖަމާކޮށްދެއްވާނެ އިރާދަކުރެއްވިއްޔާ. ހިސާބުތަކުގެ އަލީގައި މިދަންނަވަނީ އަދި އިރާދަކުރެއްވިއްޔާ 700 އާއި 800 މިލިއަން އެމެރިކާ ޑޮލަރުގެ އަދަދަކަށް އެމަނިކުފާނުގެ ފުރަތަމަ ފަސްއަހަރުގެ ތެރޭގައި އެފަންޑަށް ޖަމާވާނެ ހެކި މިދަނީ ސާފުވެ ފެންނަމުން." ސައީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން