ރ. މީދޫ ފެންފިޔާޒުގޭ އަލްމަރުހޫމް މުޙައްމަދު އަނަސް
ރ. މީދޫ ފެންފިޔާޒުގޭ އަލްމަރުހޫމް މުޙައްމަދު އަނަސް
ރ. މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސް މަރާލި މައްސަލަ ދަށު ކޯޓުގައި ސާބިތު ނުވުމުން، ދިވެހި ސަރުކާރުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އަނަސްއަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލިކަމުގެ ތުހުމަތު ކުރެވުނު ފަރާތްތަކުގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމުމާއެކު، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ މައްސަލައިގައި ދައުލަތުން ހަތް މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާނެ ކަމަށެވެ.

ނަމަވެސް އަނަސް މަރާލުމުގައި ބައިވެރިވިކަމުގެ ތުހުމަތު ކުރެވޭ އެއްވެސް ފަރާތެއްގެ މައްޗަށް އެ ކުށް ކުރިކަން ޝައްކެއް ނެތް މިންވަރަށް ސާބިތު ނުވާ ކަމަށެވެ.

އަނަސްއަށް ހަމަލާ ދީފައި ވަނީ އާއްމުންގެ ތެރޭގައި ކަމަށް ވެފައި، އެހާ ހާމަކަން ބޮޑު ގޮތެއްގައި މީހެއްގެ ފުރާނައަށް ގެއްލުން ދިނުމުންވެސް އެ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކަށް އަދަބު ނުލިބުމަކީ، ތަންފީޒީ އިދާރާތަކާމެދު ރައްޔިތުންގެ އިތުބާރު ކުޑަވެގެން ދާނެ ކަމެއް ކަމަށް މިނިސްޓްރީގެ ބަޔާނުގައި ފާހަގަ ކުރިއެވެ.

އަނަސް މަރާލި މައްސަލަ ދަށު ކޯޓުގައި ސާބިތު ނުވުމުން، އެ މައްސަލަ ހައިކޯޓުގައި އިސްތިޢުނާފު ކުރުމަށް ވިސްނަމުންދާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައި ވެއެވެ.

2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31ވަނަ ދުވަހުގެރޭ، ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ގައިގެ އެތަން މިތަނަށް ވަޅިހަރާ ރަޙުމް ކުޑަ ގޮތަކަށް މަރާލި ރ. މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސް ގެ މަރުގެ މައްސަލާގައި ދައުވާ އުފުލި މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ ހުސްވި ހަފުތާގައެވެ.

އެކަމާ ގުޅިގެން ޕީޖީ އޮފީހުން މިއަދު ބުނެފައިވަނީ، އެމައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ. އަދި ރިޕޯޓް ލިބުމުން ދިރާސާ ކުރުމަށްފަހު، އިސްތިއުނާފް ކުރުމާމެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

"އިސްތިއުނާފު ކުރުމުގެ ވިސްނުން އެބަ ގެންގުޅެން." ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އަނަސް މަރާލި މައްސަލައިގައި ދަޢުލަތުން ދައުވާކޮށްފައި ވަނީ ލ. ގަން، ތުނޑި، ނަންނާރިގެ ޖުނައިދު އަބްދުﷲ އާއި، ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އާއި، ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި، ޅ. ކުރެންދޫ އަސުރުމާގެ އަހުމަދު ޒަޔާނާއި، މ. ދިމިޝްގު، އުޘްމާން ޝަރީފާއި، މ. ލޮނުމިދިލިގެ އަފްރާހު އަބްދުއްރައްޒާޤާއި، ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ޝާޒްގެ މައްޗަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން