ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. ނަރުދޫއަށް މިއަދު ވަޑައިގެންނެވުމުން އެ ރަށުގެ ތަރައްގީއާއި ގުޅޭ ކަންބޮޑުވުންތައް އެމަނިކުފާނާއި ހިއްސާ ކޮށްފިއެވެ.

ކައުންސިލުން އެ ކަންކަން ހިއްސާ ކުރީ މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކޮށްފައެވެ.

އެގޮތުން ފެނާއި ނަރުދަމާގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށާއި، ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ބޭނުންވާކަމަށާއި، ސްކޫލުގެ މަލްޓިޕަރޕަސް ހޯލެއް ޤާއިމުކޮށްދިނުމަށާއި، ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް މަސައްކަތްކުރުމަށާއި، މިހާރު ފަށާފައިހުރި މަޝްރޫޢުތައް އަވަހަށް ނިންމަވައިދިނުމަށް ކައުންސިލްގެ ފަރާތުން އެދިފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި، އެކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން