ށ. ކޮމަންޑޫއާއި އެ ރަށާ އެއް ފަޅެއްގައި އޮންނަ މަތި ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް މި އަހަރު ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދެ ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ފެށީ ނިމިގެން ދިޔަ ސަރުކާރުގައި 2022 ވަނަ އަަހަރު ކޮމަންޑޫ ދާއިރާ އޭރު ތަމްސީލު ކުރައްވަމުން ގެންދެވި މަޖިލިސް މެމްބަރު ހުސެއިން އަވަހާރަވުމާ ގުޅިގެން އެ ދާއިރާގެ ބައި އިލެކްޝަން ބޭއްވި ފަހުން ނެވެ.

އެ މަސައްކަތަށް ދެ އަހަރު ވާން ކައިރިވާ އިރުވެސް އެކަށީގެންވާ ސްޕީޑްގައި އެ މަސައްތަކެއް ކުރިއަކަށް ނުދެއެވެ.

ރައީސް މުއިއްޒު މިއަދު ކޮމަންޑޫގައި ވާހަކަ ދައްކަވަމުން ވެސް އެކަން ފާހަގަ ކުރެއްވި އެވެ.

"ރައްޔިތުން ބޭނުންވާގޮތަކަށް ނޫން އެ މަސައްކަތް ދަނީ. ކައުންސިލާވެސް މާބޮޑު މަޝްވަރާއެއް ނުކުރޭ. އެ މަގު ރަށާ ގުޅާލަނީވެސް އެންމެ ރަނގަޅު ހިސާބަކުން ނޫން. އެހެންވީމަ ކައުންސިލާއި ރައްޔިތުންނާއި މަޝްވަރާކޮށް، އެންމެ ރަނގަޅުވާނެ ބަދަލުތަކާއެކު މިއަހަރު މަޝްރޫއު ނިންމުމަށް މަސައްކަތް ކުރާނަން." ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ކޮމަންޑޫއަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލައަށް ވެސް އަލި އަޅުވާލެއްވި އެވެ. އަދި ގޯތި ގެދޮރުގެ މައްސަލަ ހައްލުކުރުމަކީ ދެވަނައަށް އެންމެ އިސްކަން ދޭ މަޝްރޫއެއްގެ ގޮތުގައި ހިންގަވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ،

ހަމަ އެހެންމެ ރައްޔިތުން ބޭނުންވާ ފަދަ ތަރައްގީ ވެސް އެ ރަށަށް އަންނާނެކަމަށް ރައީސް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން