ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިމްޔާތުގައި ހުންނެވި ދުވަސްތަކަށް ދައުލަތުން ހަރަދު ނުކުރާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ސަރުކާރުން ސިލްސިލާކޮށް ކުރިއަށް ގެންދާ "ރައީސްގެ ޖަވާބު" ގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން، ށ. ފުނަދޫ، ނީލްވިލާ، އާމިނަތު ނަޖްމާ ސުވާލު ކޮށްފައި ވަނީ، ރައީސްގެ ދެކަނބަލުންގެ ފަރިއްކޮޅަށާ، އަމިއްލަފުޅު ގޭގެ ޚަރަދުބަރަދަށް ދައުލަތުން އެތައް މިލިއަން ރުފިޔާއެއް ހޭދަކޮށްފައިވާ ކަމަށްބުނެ ފަތުރާފައިވާ އަޑުތަކާ ގުޅޭގޮތުންނެވެ.

ނަޖްމާ ބުނެފައި ވަނީ، ރައީސް ހުވާ ކުރެއްވުމަށްފަހު ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި އަޑުއިވިގެން ދިޔައީ، ރައީސްއާއި އަނބިކަނބަލުންގެ ކެއުމުގެ ޚަރަދަށް 30 މިލިއަން ޚަރަދުވެގެންދިޔަ ވާހަކަ ކަމަށެވެ.

އަދި ހަމަ އެގޮތަށް އަމިއްލަ ގެކޮޅު، ދިމްޔާތުގައި ރައީސްއާއި އަނބިކަނބަލުންގެ އެކޮމޮޑޭޝަންއަށް 25 މިލިއަން ދައުލަތުން ޚަރަދު ކުރެއްވި ވާހަކަ އަޑު އިވުނު ކަމަށް ނަޖްމާ ބުންޏެވެ.

"މިކަހަލަ ފުރުޞަތެއް ލިބުނީމާ އަޅުގަނޑުމެންނަށް ސާފުކޮށްލަދެއްވަފާނަންތޯ މިއީ ކިހާވަރެއްގެ ތެދެއްތޯ؟" ނަޖްމާ ބުންޏެވެ.

ޖަވާބުގައި ރައީސް ވިދާޅުވީ ކުރިއާއި ޚިލާފަށް، ޙަޤީޤަތާއި ޚިލާފަށް ވަރަށް ބައިވަރު ވާހަކަތައް އަދި އެއްވެސް ވަރެއްގެ ޙަޤީޤަތެއްނެތް ވާހަކަތަކެއް ފަތުރަމުންދާ ކަމަށެވެ.

"އަޅުގަނޑަށް ތިޔަކަހަލަ ކަންކަމާއި ގުޅޭގޮތުން އަދި ޖަވާބެއް ނޫނީ ވާހަކަވެސް ނުދެއްކޭ. އެއްކަމަކަށް ދެންމެ ތިޔަ ވިދާޅުވީ ގޭގައި އަޅުގަނޑު ހުރި ދުވަސްތަކަށް 25 މިލިއަން ޚަރަދު ކުރި ވާހަކަ. އެއީ ހަމަ ކަނޑައެޅިގެން ދޮގު ވާހަކައެއް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަމިއްލަ ގެކޮޅުގައި ހުންނެވީ އަމިއްލައަށް ޚަރަދުކުރަށްވައިގެން ކަމަށެވެ. އަދި އެކަމަށް ދައުލަތުގެ އެންމެ ރުފިޔާއެއްވެސް ހޭދަ ކޮށްފައި ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަމިއްލަ ގެކޮޅުގައި ސެކިއުރިޓީންވެސް ތިބޭނެކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ހުރިހާ އެންމެންނަށް ހަރަދު ކުރީ ވެސް އަމިއްލަފުޅު ހަރަދުގައި ކަމަށެވެ.

"އަދި ކެއުމަށް ވެސް، އެއްވެސް ކަމަކަށް ގެއަށް ނުހުންނާނެ (ދައުލަތުން) ޚަރަދު ކޮށްފައި. ދައުލަތުން ޚަރަދުކުރާގޮތަށް އޮންނަނީ، އެކަމަކު އަޅުގަނޑު ވަރަށް ބޮޑަށް ހަމަ ބޭނުންވީ އެއްވެސްކަމެއްގައި އަޅުގަނޑު އަތުން ނޫނީ ގެއަށް އެއްވެސް ޚަރަދެއް ނުކުރަން. އެއީ ދުވަހަކުވެސް ތިޔަ ކަހަލަ ވާހަކައެއް މީހަކު ބުނަންވެސް ޗާންސް ދޭން ބޭނުން ނުވާތީ." ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން