މަޖިލީހަށް އަނބުރާ ފޮނުވާ ބިލެއް ދެވަނަ ފަހަރަށް ފާސްކުރުމުން އެބިލެއް ތަސްދީގު ނުކުރައްވައިފިނަމަ ރައީސުލްޖުމޫހުރިއްޔާ ގާނޫނު އަސާސީއާއި ހިލާފުވީ ކަމަށް ބެލެވޭނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.

ރޯދަމަހު އެއްވެސް އިންތިހާބެއް ނުބޭއްވޭ ގޮތަށް، އިންތިހާބާ ބެހޭ އާންމު ގާނޫނަށް އިސްލާހުގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުވައިލެއްވުމުން މަޖިލީހުން މިއަދު ދެވަނަ ފަހަރަށް އެ ބިލް ވަނީ ފާސްކޮށްފައެވެ. އެކަމާ ގުޅިގެން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވިދާޅުވީ ބިލް ތަސްދީގު ނުކޮށްފިނަމަ ރައީސް ގާނޫނު އަސާސީ އާއި ހިލާފުވީ ކަމަށް ބެލެވޭނެ ކަމަށެވެ.

މަޖިލީހަށް އަނބުރާ ފޮނުވައިލައްވާ ބިލެއް ދެވަނަ ފަހަރަށް ފާސްކުރުމުން ތަސްދީގު ނުކުރެއްވުމަކީ ރައީސަށް ލިބިވަޑައިގަންނަވާ އިހުތިޔާރެއް ނޫން ކަަމަށް ވެސް ހިސާން ވިދާޅުވި އެވެ. މަޖިލީހުން ފާސްކުރާ ބިލެއް ރައީސް ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުއްވައިލެއްވުމުން ދެވަނަ ފަހަރަށް ފާސްކުރާ ހާލަތުގައި ތަސްދީގުކުރައްވަން ލާޒިމުވާނެ ކަމަށާއި އެގޮތަށް ސްޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ކަމަށް ހިސާން ވިދާޅުވިއެވެ.

އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ މަޖިލީހުން އެ ބިލު ދެވަނަ ފަހަރަށް ފާސްކުރުމުން، ތަސްދީގު ނުކުރައްވަން ރައީސް ދައްކަވާނެ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ދެ ވަނަ ފަހަރަށް ބިލެއް ފާސްކުރުމުން، އެ ބިލެއް ވަގުތުން ވަގުތަށް ތަސްދީގު ކުރަން ޖެހޭނެ ކަމަށް ބިގޭ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން