ކުރީގެ ރައީސް ޔާމީނުގެ އިސްތިއުނާފުގެ އަޑުއެހުންތައް ލަސްވަނީ ކޯޓަށް ކޮންމެވެސް ކަހަލަ ނުފޫޒެއް ފޯރުވާތީ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ތުހުމަތުކުރައްވައިފިއެވެ.

ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ކުރީގެ ރައީސް ޔާމިންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި މިހާރު ވަނީ އިސްތިއުނާފްކޮށްފައެވެ. ގިނަ ދުވަސްތަކަކަށްފަހު އެމައްސަލައިގެ އަޑުއެހުންތަށް ނިމި މިހާރު އޮތީ ހުކުމަކާއި ހިސާބުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީން ކުރިއަށް ގެންދާ ޑޯޓުޑޯ އިވެންޓުގެ ތެރެއިން މިއަދު ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވީ ޔާމިންގެ މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް ނިމިފައިވާއިރު އެމައްސަލައިގެ އަޑުއެހުމެއް ނުބޭއްވި ތިން މަސް ދުވަސް ފާއިތުވެގެން ގޮސްފައިވާ ކަމަށެވެ. އަދި ހައިކޯޓުގައި އެމައްސަލަ މިހާރު އޮތީ މާބޮޑަށް ލަސްވެފައި ކަމަށް ޞާލިހް ވިދާޅުވިއެވެ.

"އެންމެންނަށް ވެސް މިއަދު ގަބޫލު ކުރެވެނީ ކޮންމެސް ކަހަލަ ނުފޫޒެއް ކޯޓުތެރެއަށް ފޯރާކަމަށް ރައްޔިތުން އެބަ ގަބޫލުކުރޭ،" ކުރީގެ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ޞާލިހް ވިދާޅުވީ ގާނޫނު އަސާސީން ރައީސުލްޖުމުހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ޔާމިންގެ އިސްތިއުނާފް މައްސަލައަށް އޮތީ ކޮން ނުފޫޒެެއްތޯ ބެއްލެވޭނެ ކަމަށެވެ. އަދި ކޯޓުގެ މައްސަލަތަައް އަވަސްކޮށް ރައްޔިތުންނަަށް އަވަހަށް އިންސާފު ހޯދައިދިނުމުގެ ގާނޫނީ ބާރު ރައީސަށް އޮންނާނެ ކަމަށް ޞާލިހް ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ސަރުކާރު ފެށުނު ދުވަހުން ފެށިގެން ޖުޑިޝަރީ ހިނގަމުން ދަނީ ފުރިހަމަ މިނިވަންކަމާއެކު ކަމަށެވެ. އަދި ޖުޑިޝަރީއަށް ސަރުކާރުން ނުފޫޒު ނުފޯރުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޔާމީނަށް އިންސާފު ލިބުމަށް ހުރަސް އަޅާނެ އެއްވެސް މީހަކު މި ސަރުކާރުގައި ނުހުންނާނެ ކަމަށެވެ. ރައީސް ވިދާޅުވީ މިހާ ދުވަސްވެގެން ދިޔައިރުގައި ރައީސް ޔާމީނަށް އިންސާފު ލިބުން ލަސްވުމަކީ ގައުމަށް ހަމަޖެހުން ލިބޭނެ ގޮތެއް ނޫން ކަމަށެވެ. އަދި އިންސާފު ލަސްވުމަކީ އިންސާފު ނުލިބުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު އުއްމީދު ކުރަނީ ޝަރީއަތުގެ ތެރެއިން އެމަނިކުފާނަށް [ޔާމީންއަށް] ދާދި އަވަހަށް އިންސާފު ލިބިގެންދާނެ ކަމަށް. އެކަމަށް ހުރަސް އަޅާނެ އެއްވެސް މީހެއް މި ސަރުކާރަކު ނުހުންނާނެ." ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން