އިންތިހާބު ފަސްކުރާ ބިލަށް އަމަލު ނުކުރާނަމަ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ތައްޔާރު ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.

ރޯދަމަހު އެއްވެސް އިންތިހާބެއް ނުބޭއްވޭ ގޮތަށް، އިންތިހާބާ ބެހޭ އާންމު ގާނޫނަށް އިސްލާހުގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުވައިލެއްވުމުން މަޖިލީހުން މިއަދު ވަނީ ދެވަނަ ފަހަރަށް އެ ބިލު ފާސްކޮށްފައެވެ. އެކަމާ ގުޅިގެން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ، ގައުމު ހަމަ މަގަށް އެޅުވުމަށްޓަކައި އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

ސަލީމް ވިދަޅުވީ، މަޖިލީހުން ދެވަނަ ފަހަރަށް ބިލް ފާސްކޮށްފި ނަމަ، އެބިލަށް އަމަލު ކުރާނެ ކަމަށް އީސީން މީގެ ކުރިން ބުނެފައިވާ ކަމަށެވެ.

އިންތިޚާބުތަކާބެހޭ އާންމު ގާނޫނުގެ 43 ވަނަ މާއްދާއަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށައެޅުއްވި އިސްލާޙުގައި ވަނީ، އިންތިޚާބުތަކާބެހޭ އާންމު ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތްނަމަވެސް، ރަމަޟާން މަހުގެ ދުވަހެއްގައި އިންތިޚާބެއް ބާއްވައިގެން ނުވާނެ ކަމަށާއި، އިންތިޚާބު ބާއްވަންޖެހޭ ތާރީޚު ރަމަޟާން މަހުގެ ދުވަހަކާ ދިމާވާނަމަ، އެ އިންތިޚާބެއް ބާއްވަންވާނީ ރަމަޟާން މަސް ނިމި، 10 ދުވަސް ފަހުން ކަމަށެވެ.

އޭގެ އިތުރުން އިންތިޚާބުތަކާގުޅޭ ޚާއްސަ ގާނޫނެއްގެ ދަށުން، ނުވަތަ އިންތިޚާބުތަކާބެހޭ އާންމު ގާނޫނުގެ ދަށުން އެކިކަންކަމަށް ކަނޑައަޅާފައިވާ މުއްދަތުތަކަށް އަމަލުކުރެވެން ނެތް ހާލަތެއް ކުރިމަތިވާނަމަ، ޤާނޫނުގެ 43 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ގޮތަށް އިންތިޚާބު ބޭއްވުމަށްޓަކައި އެ މުއްދަތުތަކަށް ބަދަލުގެނެސް، އިލެކްޝަންސް ކޮމިޝަނުން އަލުން މުއްދަތުތައް ކަނޑައަޅަންވާނެ ކަމަށް މަޖިލީހުން ފާސްކުރި އިސްލާޙުގައިވެއެވެ.

މަޖިލީހުން އިންތިޚާބުތަކާ ބެހޭ ޢާއްމު ޤާނޫނަށް ގެނައި އިސްލާހުގެ ބިލު ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރުމަށް ފޮނުވުމުން ރައީސް ވަނީ ބިލު ތަސްދީގު ނުކުރައްވައި އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެބިލު އޮތްގޮތަށް ދެވަނަ ފަހަރަށް ފާސްކުރީ މަޖިލީހުގައި ނެގި ވޯޓުގައި 47 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް ވޯޓުދިނީ 14 މެންބަރުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން