ކުރެއްވި ހުވައިގެ މަތިން ހަނދުމަދުޅު ނުނެތޭ ކަމަށާއި ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ހިލާފަށް އެއްވެސް ކަމެއް ނުކުރަށްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެެވެ.

ނ. މަނަދޫއަށް ވަޑަައިގެން އެރަށުގެ ރައްޔިތުންނާއި މިރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަން ކުރަށްވާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ ވެރިކަމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރައްވަނީ ގާނޫނު އަސާސީ އާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ގާނޫނު އަސާސީ އާއި ހިލާފަށް އެއްވެސް ކަމެއް ނުކުރަށްވާނެ ކަމަށެެވެ. އަދި އެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑު މުޅި ރާއްޖޭގެ ރައްޔިތުންނަށް ވެސް ދަންނަވާލަން ބޭނުންވަނީ ހަމަ އެއްވެސް ކަމެއް ނުކުރާނަމޭ ގާނޫނު އަސާސީ އާއި ހިލާފަކަށެއް، އެއްވެސް ކަމެއް އަޅުގަނޑުގެ ކިބަޔަކުން ނުފެންނާނެ ނުވެސް ކުރާނަން ގާނޫނު އަސާސީ އާއި ހިލާފަށް އަޅުގަނޑު މިހިރީ މާތް ﷲ ގަންދީ ހުވައެއްކޮށްގެން." ރައީސް މުއިއްޒު ވިދާޅުވިއެވެ.

ގާނޫނު އަސާސީ އާއި ހިލާފު ނުވާނެ ކަަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވާއިރު އިންތިޚާބުތައް ރޯދަ މަހު ނުބޭއްވޭނެ ކަމަށް ކަނޑައަޅާ ބިލް ރައްޔިތުންގެ މަޖިލީހުން ދެވަނަ ފަހަރަށް ފާސްކުރި ނަމަވެސް އެ ބިލް ތަސްދީގު ނުކުރަށްވާނެ ކަމުގެ އިޝާރާތެއް ރައީސް މިއަދު ވަނީ ދެއްވާފައެވެ. އިންތިހާބު ފަސްކުރާ ބިލް ތަސްދީގު ނުކުރައްވައިފިނަމަ ރައީސް ގާނޫނު އަސާސީ އާއި ހިލާފުވާނެ ކަމަށާއި މި ބިލް ތަސްދީގު ނުކުރައްވަން ދެއްކޭނެ އެއްވެސް ހުއްޖަތެއް ނެތް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

ނ. ހޮޅުދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ގައުމުގެ މުސްތަގުބަލު ބިނާ ކުރުމަށްޓަކައި ވަރަށް މުހިންމު ޒިންމާއެއް އަދާކުރަން ޖެހޭ ދުވަސް ކައިރިވެފައިވާ ކަމަށެވެ. އެގޮތުން 17 މާޗުގައި އޮންނަ އިންތިޚާބުގައި މުސްތަގުބަލަށް ރަނގަޅު ނިންމުމެއް ނިންމުމަށް ރައީސް ވަނީ އެދިވަަޑައިގެންފައެވެ.

ގާނޫނު އަސާސީ ބުނާ ގޮތުން، ރައީސް ތަސްދީގުނުކޮށް ބިލު އަނބުރާ ފޮނުވައިލި ނަމަވެސް ބަދަލެއް ނުގެނެސް ދެވަނަ ފަހަރަށް ފާސްކުރުމުގެ ފުރުސަތު މަޖިލީހަށް ލިބެއެވެ. ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ ށ. ގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހަށް ރައީސް އަނބުރާ ފޮނުވާ ބިލެއް އެއްވެސް ބަދަލެއް ނުގެނެސް މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފި ނަމަ "އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާންވާނެ" ކަމަށެވެ.

މީގެ ކުރިން ސްޕްރީމް ކޯޓުން ވެސް ވަނީ ދެވަނަ ފަހަރަށް މަޖިލީހުން ފާސްކުރާ ބިލެއް ތަސްދީކުރަން ފޮނުވައިފިނަމަ އެ ބިލެއް ތަސްދީގު ކުރަން ރައީސުލްޖުމުހޫރިއްޔާގެ މައްޗަށް ލާޒިމްވާނެ ކަމަށް ކަނޑައަޅުއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން