އެއާ އެމްބިއުލެންސްގެ ޚިދުމަތް ގާއިމް ކުރަން އަވައްޓެރި އިންޑިއާއާއެކު ވެސް މަސައްކަތް ކުރާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

އެއާ އެމްބިއުލެންސްގެ ހިދުމަތް ފެށުމަށް ރާއްޖެއިން މިހާތަނަށް އެއްބަސްވުން ގާއިމްކޮށްފައިވަނީ އަވައްޓެރި ސްރީލަންކާއާއި އެކު އެކަންޏެވެ.

އެގޮތުން ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓާއި ދެމެދު އެއާ އެމްބިއުލާންސްގެ ހިދުމަތް މާދަމާ ފަށާނެ އެވެ. އެއާއެކު ބޮޑެތި އެކްސިޑެންޓްތަކާއި ބަލިތަކާއި އެހެނިހެން ކުއްލި ފަރުވާ ބޭނުންވާ ނުރައްކާތެރި ހާލަތްތަކުގައި އަވަސް ފަރުވާ ހޯދުމަށް ދިވެހިންނަށް ސްރީލަންކާއަށް ވަގުތުން ދެން ދެވޭނެ އެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވީ އިންޑިއާއަކީ ވެސް ރާއްޖެއަށް ގިނަ އެހީތެރިކަމެއް ފޯރުކޮށްދެމުންދާ ގައުމެއް ކަމަށާއި އެހެންކަމުން އެ ގައުމާއެކު ވެސް އެއާ އެމްބިއުލަންސްގެ ޚިދުމަތް ގާއިމުކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ނަމަވެސް އިންޑިއާއާއެކު އެއާ އެމްބިއުލެންސް ފަށާނެ ދުވަހެއް މިނިސްޓަރު ހާމައެއް ނުކުރައްވަ އެވެ.

އެކަމަކު އެ ގައުމުން އެއާ އެމްބިއުލެންސްއަށް ހުއްދަ ލިބޭނެކަމުގެ އުއްމީދު ބޮޑުކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެއާ އެމްބިއުލެންސް ތައާރަފް ކުރެވުމާއެކު ބަލި މީހުން އުފުލުމުގައި ކުރިމަތިވާ ލަސްވުން ނިމުމަކަށް އަންނާނެކަމަށް ހެލްތު މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ސަރުކާރުން މިހާރުވަނީ ކުއްލި ހާލަތުގައި ދިިމާވާ މެޑިކަލް އެމާޖެންސީތަކަށް އިސްކަން ދިނުމަށް ހިމަނައި މޯލްޑިވިއަންގެ އުސޫލުތަކަށް ބަދަލުގެންސްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން