ނ. މާފަރު އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރަން އެ އަތޮޅު ކައުންސިލުން ރައީސް ޑރ، މުހައްމަދު މުއިއްޒުއަށް ހުށަހަޅައިފި އެވެ.

ރާއްޖޭގެ އުތުރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް މުއިއްޒު ވަނީ ނ. އަތޮޅަށް ވަޑައިގެން އެ އަތޮޅުގެ ކައުންސިލާ މިއަދު ބައްދަލު ކުރައްވައިފަ އެވެ.

އެ ބައްދަލުކުރެއްވުމުގައި ކައުންސިލުންވަނީ މުޅި އަތޮޅުގެ ތަރައްގީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަން ރައީސާ ހިއްސާކުރައްވާފަ އެވެ.

އެގޮތުން ނ އަތޮޅު ޑިޖިޓަލް ގަވަރނެންސް ހެދުމަށް މަސައްކަތް ކުރަމުންދާކަމުގައި ފާހަގަކުރިއެވެ. އަދި ކައުންސިލްތަކުގެ މުވައްޒަފުންނަށް މުސާރަ ބޮޑުކޮށްދެއްވުމަށާއި، ކުނި މެނޭޖްކުރުން ނުވަތަ އިސްރާފު މަދުކުރުމަށް ކައުންސިލުން ބޭނުންވާ ގޮތް ތަފްސީލީ ގޮތެއްގައި ވިދާޅުވެދެއްވިއެވެ.

މީގެއިތުރުން ސަރުކާރުން ބިނާރުތައް ޤާއިމުކުރާއިރު ވީ އެންމެ ކުޑަ ހަރަދަކުން މަރާމާތު ކުރެވޭނެ ގޮތްތައް ބަލައި އެކަން އެގޮތަށް ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

އޭގެ އިތުރުން މާފަރު އާބަން ސެންޓަރެއް ގޮތުގައި ތަރައްގީކުރަން ބޭނުންވާ ކަމަށާއި، މާފަރަށް އިންޓަރނޭޝަނަލް ފަސެންޖަރ ލައިން ތަޢާރަފުކޮށް ދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. ހަމަ އެއާއެކު، އަތޮޅު ފެރީ އޮޕަރޭޓްކުރުމަށް ބޭނުންވާކަންކަން ތަފްޞީލީ ގޮތެއްގައި ކައުންސިލުން ހިއްސާކުރެއްވިއެވެ.

ކައުންސިލުން ހިއްސާ ކުރެއްވި ކަންކަން އަޑު އެއްސެވުމަށް ފަހު ރައީސް ވިދާޅުވީ އެކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި އެ ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން