ރައީސް ޑރ. މުހައްމަދު މުއިއްޒު
ރައީސް ޑރ. މުހައްމަދު މުއިއްޒު
ކުރިއަށް އޮތް ރޯދަ މަހު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ނުބޭއްވޭ ގޮތަށް އިންތިހާބާ ބެހޭ ގާނޫނަށް ބަދަލު ގެެނެސް ފާސްކުރި އިސްލާހަށް އެޓާނީ ޖެނެރަލްގެ ލަފާ ހޯއްދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިންތިޚާބުތަކާބެހޭ އާންމު ގާނޫނުގެ 43 ވަނަ މާއްދާއަށް އެމްޑީޕީގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށައެޅުއްވި އިސްލާޙުގައި ވަނީ، އިންތިޚާބުތަކާބެހޭ އާންމު ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތްނަމަވެސް، ރަމަޟާން މަހުގެ ދުވަހެއްގައި އިންތިޚާބެއް ބާއްވާއިގެން ނުވާނެ ކަމަށާއި، އިންތިޚާބު ބާއްވަންޖެހޭ ތާރީޚު ރަމަޟާން މަހުގެ ދުވަހަކާ ދިމާވާނަމަ، އެ އިންތިޚާބެއް ބާއްވަންވާނީ ރަމަޟާން މަސް ނިމުމުގެ 10 ދުވަސް ފަހުން ކަމަށެވެ.

އެ އިސްލާހު މަޖިލީހުން ފާސްކުރި ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ބިލު ތަސްދީގުނުކޮށް އަނބުރާ ފޮނުވާލައްވައިފަ އެވެ. ނަމަވެސް އިއްޔެ މަޖިލީހުން ވަނީ އެ ބިލު ކުރިންވެސް ފާސްކުރި ގޮތަށް އަނެއްކާވެސް ފާސްކޮށްފަ އެެެވެ.

ރައީސް މުއިއްޒު މިއަދު ނ. ކެނދިކުޅުދޫގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އެ ބިލަކީ އެތައް ރައްޔިތުންގެ ހައްގު އެކުލެވޭ ބިލެއް ކަމަށެވެ. ހަމައެހެންމެ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތަށް ކަންތައްތައް ކުރަން އަބަދުވެސް ސަލާލުކަންދޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެހެންކަމުން އެކަމުގައި ބަންޑާރަ ނައިބުގެ ލަފައެއް ހޯއްދަވާނެ ކަމަށާއި ލަފާ ދިނުމުން އެއާ އެއްގޮތަށް ކުރިއަށް ގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް ނިންމާފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށެވެ. އަދި ރައީސް މުއިއްޒުވެސް ވިދާޅުވެފައިވަނީ، އެދުވަހު އިންތިހާބު އޮންނާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން