ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް
ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް
ސިނގިރޭޓް އަގުބޮޑުވެގެން ޝަކުވާ ކުރާ މީހުންނަށް ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ނަސޭހަތެއް ދެއްވައިފިއެވެ.

ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވީ ސިނގިރޭޓް އަގުބޮޑުވެގެން ބަޔަކު މީހުން މިއަދު ހިތްހަމަނުޖެހިދާނެ ކަމަށެވެ. އެކަމަކު މާދަމާ ތިމާ ދުންފަތާ ދުރުހެލިވެ އެތައް ހާސް ފައިސާއެއް ސަލާމަތް ކުރެވި އަދި ސިއްހީ ގޮތުން ދުޅަހެޔޮކަންމަތީ ހުރުމުން ލިބޭ ހިތްހަމަޖެހުން މާ ބޮޑުވާނެ ކަމަށް މިނިސްޓަރު މަހްލޫފް ވިދާޅުވިއެވެ. މަހްލޫފް އެހެން ވިދާޅުވީ "ހުއްޓާލާ"، "މަދުކުރޭ" މި ހޭޝް ޓެގާއެކުގައެވެ.



ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރުމުން ސިނގިރޭޓްގެ އަގު ބޮޑު ކުރުމާ ގުޅިގެން ގިނަ ބަޔަކު ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ސިނގިރޭޓް އަގުބޮޑު ވުމުން ސަރުކާރަށް ފާޑު ކިޔަމުންދާ ބައެއް މީހުން ބުނީ އެއީ ސަރުކާރުގައި ފައިސާ ނެތުމުން ރައްޔިތުން ފެލައިގެން ދައުލަތް ހިންގުމަށް ކުރާ ކަމެއް ކަމަށެވެ. ސަރުކާރުގެ އެ ނިއްމުމަށް ތާއިދުކޮށް ވާހަކަ ދެއްކި މީހުން ބުނީ މިއީ ސިއްހަތަށް ނުހަނު ބޮޑު ގެއްލުންތަކެއް ލިބޭ ދުންފަތުގެ އިސްތިއުމާލް ކުރުން ހުއްޓާލަން ރަނގަޅު ފުރުސަތެއް ކަމަށެވެ.

ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަކީ މި ސަރުކާރުގެ ދުޅަހެޔޮ، ހަށިހެޔޮ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ސިނގިރޭޓު ބުއިން ހުއްޓުވުމަށް ސަރުކާރުން މިހާރު ވެސް ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މީހުން އެއްވާ ގިނަ ތަންތަނުގައި ސިނގިރޭޓް ބުއިން މަނާކުރުމުގެ އިތުރުން، ފޮށީގެ ބޭރުގައި އިންޒާރުގެ މެސެޖާއި އެކު އިންޒާރުގެ ފޮޓޯ ޖެހުމަށް މަޖުބޫރު ކުރުންވެސް ހިމެނެއެވެ.

ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރަން ގެނައި އިސްލާހަށް އަމަލުކުރަން ފެށުމުން ފިހާރަތަކުން ވިއްކާ ސިނގިރޭޓުގެ އަގު މިހާރު ވަނީ ބޮޑުކޮށްފައެވެ. އެގޮތުން އެންމެ އަގުހެޔޮ ވައްތަރުގެ ސިނގިރޭޓު ފޮއްޓެއްގެ އަގު 85 ރުފިޔާއަށް އަރާފައިވާއިރު އެންމެ އަގުބޮޑު ވައްތަރު ފޮއްޓެއްގެ އަގު އުޅެނީ 100 ރުފިޔާ އިން މަތީގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން