އަޑިނޭނގޭ ސަބަބަކާހުރެ، މަޖިލިސް އިންތިހާބު ރޯދައިގެ ކުރިއަށް ޖައްސަން އެމްޑީޕީން ބޭނުން ނުވި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ މުއިއްޒު މިހެން ވިދާޅުވީ، އެމަނިކުފާނު މިހާރު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނ. ކެނދިކުޅުދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނު ބޭނުންފުޅުވީ މަޖިލިސް އިންތިހާބު ރޯދައިގެ ކުރިން ބާއްވަން ކަމަށެވެ. އެއީ ރޯދަ މަހުގެ ތެރޭގައި އިންތިހާބު ބޭއްވުމުން ރައްޔިތުންނަށް ދަތި އުނދަގޫތައް ކުރިމަތި ވާނެތީ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެން ނަމަވެސް މިހާރު އޮތް މަޖިލީހުން އެއްގޮތަކަށްވެސް އެއްބަސް ނުވީ ރޯދައިގެ ކުރިއަށް ބަދަލު ކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކޮށްދޭކަށް. ގާނޫނު އިސްލާހު ކުރަން އެ ބޭފުޅުން އެއްބަސް ނުވި ސަބަބު ކިޔައިދޭން އެބަ ޖެހޭ ނޫންތޯ؟" ރައީސް ވިދާޅުވިއެވެ.

އެމްޑީޕީގެ ފަރާތުންވެސް އަބަދުވެސް އަޑުއިވެނީ ރޯދައިގެ ތެރޭގައި އިންތިހާބު ބޭއްވުމުން ރައްޔިތުންނަށް އުނދަގޫވާނެ ވާހަކަ ކަމަށާއި ނަމަވެސް އިންތިހާބު އަވަސްކުރަން އެމްޑީޕީން ބޭނުން ނުވި ކަމަށް ރައީސް ވިދާޅުވިއެވެ.

ރޯދަމަހު އިންތިހާބު ބާއްވަން ބޭނުން ނުވާ އެއް ސަބަބަކީ ރައީސް ވިދާޅުވި ގޮތުގައި، އެއީ އަޅުކަމުގެ މައްސަރަކަށް ވާތީއެވެ. އެމަނިކުފާނު ވިދާޅުވީ، ރޯދަ މަހުގެ ފަހު 10 ދުވަހު ސަރުކާރު ބަންދުކަމަށްވެސް މިހާރު ކަނޑައަޅާފައި ވާނެ ކަމަށާއި، އެއީވެސް އަޅުކަމުގައި މަސްއޫލުވެ އުޅުމަށް މަގުފަހި ކޮށްދިނުމުގެ ބޭނުމުގައި ނިންމެވި ނިންމެވުމެއް ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، އިންތިހާބާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ނުރަސްމީކޮށް އެމަނިކުފާނުގެ ހިޔާލުފުޅަކަށް އެއްސެވުމުންވެސް، ގާނޫނާ ހިލާފު ނުވާ ނަމަ ރޯދަ މަހުގެ ކުރިން އިންތިހާބު ބާއްވައިދޭން އެދިވަޑައިގެންފައި ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް އެމްޑީޕީގެ މެޖޯރިޓީއާއެކު މިހާރުވަނީ މަޖިލިސް އިންތިހާބު ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން ބާއްވާ ގޮތަށް އިންތިހާބާ ބެހޭ ގާނޫނު އިސްލާހުކޮށް ރައީސް އެއިސްލާހު ތަސްދީގު ނުކުރެއްވުމުން ދެވަނަ ފަހަރަށް އެއިސްލާހު ފާސްކޮށް ރައީސަށް ތަސްދީގު ކުރަން ލާޒިމުވާ ގޮތަށް ހަދާފައެވެ. ނަމަވެސް މިއަދު މަޖިލީހުގެ މެންބަރުންގެ އަދަދު ގުނާގޮތަށް މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ރަނގަޅު ނޫން ކަމަށް ސްޕްރީމް ކޯޓުން ކަނޑައެޅުމުން ރައީސް ވިދާޅުވީ މަޖިލީހުގެ ނިންމުމާއެއްގޮތަށް އަމަލު ކުރަށްވާނީ އެޓާނީ ޖެނެރަލްގެ ލަފައެއް ހޯއްދެވުމަށް ފަހުގައި ކަމަށެވެ.

ރައީސް ވިދާޅުވީ މަޖިލިސް އިންތިހާބު ފަސް ކުރުމުގެ ބިލު މަޖިލީހުން ފާސްކުރި އިރު މަޖިލީހުގެ ރިޔާސަތުން މަޖިލީހުގެ ގޮނޑީގެ އަދަދު ގުނީ ސްޕްރީމް ކޯޓުން މިއަދު ނިންމި ނިންމުމާއި ޚިލާފަށް ކަމަށްވާތީ މަޖިލީހުގެ ނިންމުމާމެދު ސުވާލު އުފައްދާނެ ޖާގަ އެބައޮތް ކަމަށެވެ. ރައީސް ވަނީ ސްޕްރީމް ކޯޓުގެ ނިންމުމާއި ޚިލާފަށް މަޖިލީހުގެ ގޮނޑި ގުނާ ގޮތަށް ބަދަލު ގެނަސްގެން މަޖިލީހުން ނިންމާފައިވާ ނިންމުންތަކާމެދު ސުވާލު އުފައްދަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން