ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު ސޮއިކުރައްވާ އިލެކްޝަންސް ކޮމިޝަނަށް ފޮނުވި ސިޓީގައި ބުނީ، އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދެވަނަ ފަހަރަށް ފާސްކުރުމާ ގުޅިގެން، އިންތިހާބު ބޭއްވުމަށް ހަަމަޖެހިފައިވާ ގޮތާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނާ މަޝްވަރާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީޏް ބޭނުންވާ ކަމަށެވެ.

އެހެންކަމުން، އަންނަ ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ ކޮމިޓީގެ ބައްދަލުވުމަށް ހާޒިރު ވުމަށް އިލެކްޝަންސް ކޮމިޝަނަށް މަޖިލިސް އިދާރާއިން ވަނީ އަންގާފައެވެ.

އިންތިޚާބުތަކާބެހޭ ޤާނޫނަށް ގެނައި އިސްލާހު މަޖިލީހުން ފާސްކުރުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުނުކޮށް އަނބުރާ މަޖިލީހަށް ފޮނުވާލެއްވުމުން އިއްޔެ މަޖިލީހުން ވަނީ އެ ބިލު ކުރިންވެސް ފާސްކުރި ގޮތަށް ކުރިއަށްވުރެ ބޮޑު އަޣުލަބިއްޔަތަކުން އަނެއްކާވެސް ފާސްކޮށްފަ އެެެވެ.

އެކަމާ ގުޅިގެން ރައީސް ޑރ. މުޢިއްޒު މިއަދު ވިދާޅުވީ އެކަމުގައި ބަންޑާރަ ނައިބުގެ ލަފައެއް ހޯއްދަވާނެ ކަމަށާއި ބަންޑާރަނާއިބު ލަފާ ދެއްވުމުން އެއާ އެއްގޮތަށް ޢަމަލު ކުރަށްވާނެ ކަމަށެވެ.

ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ ށ. ގައި ބުނަނީ، ރައްޔިތުންގެ މަޖިލީހަށް ރައީސް އަނބުރާ ފޮނުވާ ބިލެއް އެއްވެސް ބަދަލެއް ނުގެނެސް މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފި ނަމަ "އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާންވާނެ" ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން