ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްކުރުމުގެ ބިލު ރައީސް، ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ އަންނަ މާރޗު މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބު ރޯދަ މަސް ތެރޭ ނުބޭއްވޭ ގޮތަށް އިންތިހާބުތަކާއި ބެހޭ ޤާނޫނަށް ގެނައި އިސްލާހުގެ ބިލު ރައީސް މިއަދު ތަސްދީގު ކުރައްވާފައިވާ ކަމަށެވެ.

އެބިލް ރައީސް ތަސްދީގު ކުރައްވާފައިވަނީ ބަންޑާރަ ނާއިބު، އަހުމަދު އުޝާމް އެގޮތަށް ލަފާދެއްވުމާއި ގުޅިގެން ކަމަށް ރައީސް އޮފީހުން ބުންޏެވެެ.

މިބިލު މިއަދު ރައީސް ތަސްދީގު ކުރައްވާފައިވާއިރު، އެބިލު ފުރަތަމަ ފަހަރަށް ތަސްދީގު ކުރެއްވުމަށް ރައީސް އޮފީހަށް ފޮނުވުމުން މިމަހުގެ 26 ވަނަ ދުވަހު ރައީސް ވަނީ އެ ބިލު ތަސްދީގު ނުކޮށް އަނބުރާ މަޖިލީހަށް ފޮނުއްވާފައެވެ. އެގޮތަށް މަޖިލީހަށް ބިލު ފޮނުވުމުން، މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތުން ވަނީ އެބިލަށް އެއްވެސް ބަދަލެއް ނުގެނެސް ބިލް ފާސްކޮށްފައެވެ.

ނ. ކެނދިކުޅުދޫ ރައްޔިތުންނާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ އިއްޔެ ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ބިލް ތަޞްދީޤުކުރެއްވުމަށް ދައުލަތުގެ ބަންޑާރަ ނާއިބުގެ ލަފާފުޅަކަށް އެދިވަޑައިގެންފައިވާކަމަށެވެ. ބަންޑާރަ ނާއިބު ދެއްވަވާ ލަފާފުޅަކާ އެއްގޮތަށް ޢަމަލުކުރައްވާނެކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރޯދަމަހު މި އިންތިޚާބު ބޭއްވުމަކީ ބޭނުންފުޅުވެވަޑައިގަންނަވާ ކަމެއް ނޫންކަމަށެވެ. އިންތިޚާބު ރޯދައިގެކުރީން ބޭއްވުމަށް މީގެކުރީންވެސް އެދިވަޑައިގެންފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިއްޔެއާ މިއަދު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުންތަކުގައިވެސް، އަބަދުވެސް ޤާނޫނުއަސާސީ ނަގަހައްޓަވާނެކަމަށާ، ކޮންމެ ކަމެއްވެސް ކުރައްވާނީ ޤާނޫނުއަސާސީއާ ޤާނޫނުތަކާ އެއްގޮތްވާގޮތުގެ މަތީންކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ވަނީ ދެއްވައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން