އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ތެލަސީމިއާ ކުދިންނަށް ޢިނާޔަތްދޭން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ ރައީސްގެ ޖަވާބު ޕްރޮގްރާމް މެދުވެރިކޮށް ނ. މަނަދޫ، މާރިނދަ، ވަސްމާ ޔޫސުފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން ރައީސް ވިދާޅުވީ މިއަހަރުގެ ބަޖެޓުގައި ހިމެނިފައި ނެތަސް، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ތެލަސީމިއާ ކުދިންނަށް ޢިނާޔަތެއްދޭން ގަސްތުކުރައްވާކަމަށެވެ. ރައީސްގެ ވައުދާއި އެއްގޮތަށް މިކަން ކުރިއަށް ދާއިރު، ތެލަސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި ފަރުވާ މިހާރު އާސަންދަ މެދުވެރިކޮށް ހިލޭ ލިބޭނެ އިންތިޒާމުތައް ހަމަޖެހިފައިވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ތެލެސީމިއާ ކުދިންނަށް ފަރުވާ ލިބޭނެ ހޮސްޕިޓަލެއް ގާއިމްކުރުމުގެ މަސައްކަތްވެސް ކުރިއަށް ދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ތެލަސީމިއާ ކުދިންގެ އިނާޔަތް، އެކަމުގަ މިއަހަރުގެ ބަޖެޓުގައި ހިމެނިފައެއް ނެތް. އަޅުގަނޑު މިއަންނަ އަހަރުގެ ބަޖެޓު ތެރެއަށް ލައިގެން މިއަންނަ އަހަރު ފަށަން މި ގަސްތުކުރަނީ." ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ހުރިހާ އަތޮޅެއްގެ އަތޮޅު ހޮސްޕިޓަލްތަކުން ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ބޭނުންވާ ތެރަޕީތައް ދިނުމަށާއި، ސައިކޭޓްރިސްޓުންގެ ޚިދުމަތް ދެވޭނެ ފެންވަރުގެ އިންތިޒާމުތައް ހަމަޖައްސައި، އަދި މި ޚިދުމަތް ދިނުމަށް ބޭނުންވާ ތަމްރީނު ލިބިފައިވާ ފަރާތްތަކާއި ސްޕެޝަލިސްޓުން ހޯދައި މި މަސައްކަތް ފެށުމަށް ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ސްކޫލްތަކުގައި ރަނގަޅު މާހައުލެއް ބިނާ ކުރުމާއި، ސެން ކްލާސްތައް ފެށުމަކީ އިސްކަމެއްދެއްވާ ކަމެއް ކަމަށެވެ. އެގޮތުން ސެން ކްލާސްތަކަށް ބޭނުންވާނޭ ހާއްސަ ޓީޗަރުން ތަމްރީނު ކުރުމުގެ މަސައްކަތް ފެށިފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހުރިހާ މަސައްކަތަކީވެސް މެނިފެސްޓޯގައި ހިމެނި، މަސައްކަތް ކުރަމުންދާ ކަންކަން ކަމަށާއި، އަދި އުއްމީދަކީ މިމަސައްކަތްތަކުގެ ފޮނި މީރުކަން ވީހާވެސް އަވަހަކަށް ދިވެހި ރައްޔިތުންނަށް ލިބިގެންދިއުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން