ރައްޔިތުންގެ މަޖިލީހުގެ ވ. ކެޔޮދޫ ދާއިރާއަށް ވާދަ ކުރުމަށް އާއިޝަތު އަފްނާން ހުށަހެޅި ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބަލައިނުގަތީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

އަފްނާންގެ ކެންޑީޑެސީ އީސީއިން ބަލައި ނުގަތުމާއެކު އޭނާ ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. އޭނާ ކޯޓުގައި އެދިފައި ވަނީ، އީސީން އޭނާގެ ކެންޑިޑެސީ ބަލައި ނުގަތީ ގާނޫނާ ހިލާފަށް ކަނޑައަޅައިދިނުމަށެވެ.

އަފްނާންގެ ކެންޑިޑެސީ ބަލައި ނުގަނެވޭނެ ކަމަށް ނިންމި ސަބަބަކަށް އީސީން ބުނެފައި ވަނީ، އޭނާގެ އިންތިހާބީ އޭޖެންޓުގެ ކުށުގެ ރެކޯޑާއި ދަރަނީގެ ރެކޯޑުގެ ބައެއް ތަފްސީލުތައް ހުށަހަޅާފައި ނެތުމެވެ.

ނަމަވެސް ދިފާއުގައި އަފްނާން ބުނެފައި ވަނީ، ފެމެލީ ކޯޓަށް ދައްކަން ޖެހޭ ފައިސާ ދެއްކިކަން ހާމަވާ، ފައިސާގެ ރަސީދެއް އީސީއަށް ހުށަހަޅާފައި ވާނެ ކަމަށެވެ.

ކޯޓު ހުކުމްގައި ބުނެފައި ވަނީ ފައިސާގެ ރަސީދު ހުށަހަޅާފައި ވާއިރު، އެ ލިޔުމާމެދު ގާނޫނުގައި ބުނާ މިންވަރަށް އީސީން ބަލާފައި ނުވާ ކަމަށެވެ. އަދި އަފްނާންގެ ކެންޑިޑެސީ ބަލައިނުގަތީ ގާނޫނާ އެއްގޮތަށް ކަމަށް ނުބެލެވޭ ކަމަށް ކޯޓުގެ ހުކުމްގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން