ސުޕްރީމް ކޯޓުގެ ނިންމުމާ އެއްގޮތަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން އާއިޝަތު އަފްނާންގެ ކެންޑިޑެސީ ބަލައިގެންފިއެވެ.

އީސީގެ ނައިބުރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވ. ކެޔޮދޫ ދާއިރާއަށް އަމިއްލަގޮތުން ކުރިމަތިލާފައިވާ އަފްނާންގެ ކެންޑިޑަސީ ޤަބޫލުކުރަންޖެހޭކަމަށް، ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅުއްވާފައިވާ ކަމަށެވެ.

އެހެންކަމުން، މަޖިލިސް އިންތިހާބަށް އަފްނާންގެ ޝަރުތު ހަމަވާ ކަމަށް އީސީން ޤަބޫލުކޮށް، އޭނާއަށް އެކަން މިއަދު އަންގާފައި ވާނެ ކަމަށް ހަބީބް ވިދާޅުވިއެވެ. އެހެންކަމުން އަފްނާންގެ ކެންޑިޑޭޓު ނަންބަރަކީ 4 ކަމަށް އީސީން ވަނީ ނިންމާފައެވެ.

މަޖިލީހަށް ވާދަ ކުރުމަށް އަފްނާން ހުށަހެޅި ފޯމު އީސީއިން ބަލައިނުގަތީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ވަނީ މިއަދު ނިންމާފައެވެ.

އަފްނާންގެ ކެނޑީޑެސީ އީސީއިން ބަލައި ނުގަތުމާއެކު އޭނާ ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. އޭނާ ކޯޓުގައި އެދިފައި ވަނީ، އީސީން އޭނާގެ ކެންޑިޑެސީ ބަލައި ނުގަތީ ގާނޫނާ ހިލާފަށް ކަނޑައަޅައިދިނުމަށެވެ.

އަފްނާންގެ ކެނޑިޑެސީ ބަލައި ނުގަނެވޭނެ ކަމަށް ނިންމި ސަބަބަކަށް އީސީން ބުނެފައި ވަނީ، އޭނާގެ އިންތިހާބީ އޭޖެންޓުގެ ކުށުގެ ރެކޯޑާއި ދަރަނީގެ ރެކޯޑުގެ ބައެއް ތަފްސީލުތައް ހުށަހަޅާފައި ނެތުމެވެ.

ނަމަވެސް ދިފާއުގައި އަފްނާން ބުނެފައި ވަނީ، ފެމެލީ ކޯޓަށް ދައްކަން ޖެހޭ ފައިސާ ދެއްކިކަން ހާމަވާ، ފައިސާގެ ރަސީދެއް އީސީއަށް ހުށަހަޅާފައި ވާނެ ކަމަށެވެ.

ކޯޓު ހުކުމްގައި ބުނެފައި ވަނީ ފައިސާގެ ރަސީދު ހުށަހަޅާފައި ވާއިރު، އެ ލިޔުމާމެދު ގާނޫނުގައި ބުނާ މިންވަރަށް އީސީން ބަލާފައި ނުވާ ކަމަށެވެ. އަދި އަފްނާންގެ ކެނޑިޑެސީ ބަލައިނުގަތީ ގާނޫނާ އެއްގޮތަށް ކަމަށް ނުބެލެވޭ ކަމަށް ކޯޓުގެ ހުކުމްގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން