ގދ. ވާދޫ ކައުންސިލް މެންބަރުންނާއި ގުޅޭ މައްސަލަތަކެއް ބެލުމަށްފަހު އެ ކައުންސިލްގެ ހުރިހާ މެންބަރުން ސަސްޕެންޑުކުރަން ލޯކަލް ގަވަރމަންޓް އޮތޯރިޓީން ނިންމައިފިއެވެ.

އެ ކައުންސިލާއި ގުޅޭ އިންކުއަރީއެއް ހެދުމަށްފަހު އެލްޖީއޭއިން މިއަދު ނިންމާފައިވަނީ، މުސާރަ ނުލިބޭގޮތަށް ސަސްޕެންޑު ކުރުމަށެވެ.

އެ އިންކުއަރީގައި 27 ކަމެއް ފާހަގަކޮށްފައި ވެއެވެ.

އެލްޖީއޭއިން ބުނީ، އެ ކައުންސިލްގެ މެންބަރުން ވަނީ މެންބަރުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެފައި ކަމަށެވެ. އަދި ކައުންސިލްގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ނަހަމަ ގޮތުގައި ބޭނުންކޮށް ކައުންސިލަރުންގެ ސުލޫކީ މިންގަނޑާއި ހިލާފަށް އެކި ކަންކަން ކޮށްފައިވާކަމަށް ވެސް އެލްޖީއޭއިން ވަނީ ބުނެފައެވެ.

އޭގެ ތެރެއިން ބައެއް އަމަލުތައް ތަކުރާރުކޮށްފައިވާކަން އެނގެން އޮތުމުން އިންކުއަރީން ފާހަގަކުރެވިފައިވާ ކަންކަމުގެ ކުޑަބޮޑު މިނާއި، ގދ. ވާދޫ ކައުންސިލަރުންނާ ގުޅޭގޮތުން އިންކުއަރީން ފާހަގަކުރެވިފައިވާ ކަންކަމުގެ ސަބަބުން ކައުންސިލަށާއި ލާމަރުކަޒީ ނިޒާމަށް ނުހަނު ގެއްލުން ލިބިފައިވާ ކަމަށްވެސް އެލްޖީއޭއިން ވަނީ ބުނެފައެވެ.

މެންބަރުން ސަސްޕެންޑް ކުރިއިރު އެކި މެންބަރުންނަށް ސަސްޕެންޝަނުގެ މުއްދަތު ދީފައިވަނީ އެކިވަރަށެވެ.

އެގޮތުން، ކައުންސިލްގެ ރައީސް ހަސަން އަބްދުﷲ ތިން މަސް ދުވަހަށް ކައުންސިލް މެންބަރު މުހައްމަދު ޝިފާގް ތިން މަހަށް، ހާޝިރު މުހައްމަދާއި ސާރާ މުހައްމަދު ދެ މަހަށް އަދި މާރިޔަތު އިބްރާހީމް އެއް މަސް ދުވަހަށް ވަނީ ސަސްޕެންޝަންގެ މުއްދަތު އަންގާފައެވެ.

އެ ކައުންސިލާއި ގުޅޭ މައްސަލަތަކުގެ ތެރެއިން ބޮޑެތި މައްސަލަތަކުގެ ތެރޭގައި، ކައުންސިލްގެ މުވައްޒަފުންނަށް ކައުންސިލްގެ ރައީސް ބިރުދެއްކުމާ އިދާރާތެރޭ ދުންފަތުގެ އިސްތިއުމާލު ކުރުމާ ގާނޫނުތަކާއި ހިލާފަށް ހަރަދު ކުރުމުގެ ބޮޑެތި މައްސަލަތައް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން