ރާއްޖޭގައި ވައިގެމަގުން ސިއްހީ އަވަސް ފަރުވާ ދިނުމަށް ބަލިމީހުން އުފުލުމަށް ހާއްސަކޮށް ސަރުކާރުން ފަށަން ނިންމާފައިވާ އެއަރ އެމްބިއުލާންސްގެ ހިދުމަތް ވެގެންދާނީ ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައަކަށް ކަމަށް ނާއިބު ރައީސް ޙުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އެއަރ އެމްބިއުލާންސްގެ ހިދުމަތް ދިނުމަށް ގެނައި މޯލްޑިވިއަންގެ ބޯޓުތަކުގެ ފޮޓޯއެއް އާންމުކުރައްވާ ނާއިބު ރައީސް މިރޭ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއެއްގޮތަށް އެއަރ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށް މިވަނީ ތައްޔާރު ވެފައިކަމަށާއި މިއީ ސިއްހީ ދާއިރާއިން ދިވެހި ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައަކަށް ވާނެކަމަށެވެ.

ނާއިބު ރައީސް މިހެން ވިދާޅުވިއިރު ސަރުކާރުން ވަނީ މި ހިދުމަތް މާދަމާ ކުލަގަދަކޮށް ފެށުމަށް ނިންމާފައެވެ. އެއާއިއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް މިރޭ ވަނީ ދިވެހި ވަންތަ ޑިޒައިންތައް ކުރަހާފައިވާ އެ ބޯޓުގެ ފޮޓޯއެއް އެކްސްގައި އާންމު ކުރައްވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މޯލްޑިވިއަން އާއި ގުޅިގެން މިކަމަށް ސަރުކާރުން ވަނީ 2 ބޯޓެއް ގެނެސްފައެވެ. އަދި ބޯޓުތައް ފަރުމާކޮށްފައިވަނީ އެއްފަހަރާ ބަލި ދެމީހުން ވެސް އުފުލޭގޮތަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން މިރޭ ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން