އިސްލާމީ އަގީދީ ރާއްޖެއިން ބޭރުކުރަން އުޅޭ ޖަމިއްޔާތަކާ ދެކޮޅަށް އެކަތިގަނޑަކަށް ވާން ޖެހޭކަމަށް މިއަދުގެ ހުތުބާގައި ބުނެފި އެވެ.

ހުތުބާގައި ބުނީ ވަތަން ދެކެ ލޯބިވުމަކީ އިންސާނީ ނަސްލުގެ ތަބީއަތުގައިވާ ކަމެއް ކަމަށެވެ. އަދި އިސްލާމް ދީނަކީ އިންސާނީ ފިތުރަތާއި އިންސާނިއްޔަތުގެ ދީން ކަމަށްވާތީ ދީން އެކަމާ ދެކޮޅު ނުހަދާ ކަމަށް ވެސް ބުނެފައި ވެއެވެ.

ހަމަ އެހެންމެ އިސްލާމް ދީން ވެސް އެކަން ގަބޫލު ކުރާ ކަމަށާއި ކީރިތި ރަސޫލާވެސް އަމަލީ ގޮތުން ވަތަން ދެކެ ލޯބިވާކަން އަދި ވަތަން ދެކެ ލޯބިވާން ޖެހޭކަން ދައްކާ ދެއްވާފައިވާ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.

އެގޮތުން ކީރިތި ރަސޫލާ މަދީނާއަށް ހިޖުރަކުރައްވައި އެ ބިމުގައި ވަޒަންވެރިވެވަޑައިގަތުމަށް ފަހު މުސްލިމުންގެ ހިތްތަކުގައި މަދީނާއަށް ލޯބި ޖެއްސެވުމަށް ދުއާ ކުރެއްވި ކަމަށް ވެސް ބުނެފައި ވެއެވެ.

ހުތުބާގައި ބުނީ މީހެއްގެ ދީނާއި އަގީދާއަށް ފަހު އެ މީހާގެ ގާތުގައި އެންމެ އަގުބޮޑު އެއްޗަކީ އޭނާގެ ވަތަން ކަމަށެވެ. އަދި ވަތަން ދެކެ ފަހުރުވެރި ނުވާ އިންސާނަކު ނުވާ ކަމަށާއި އަދި އެއީ ޅަފަތުގެ ދާނު ކަމުގައި ވެސް ހަނދާންކޮށްދީފައި ވެއެވެ.

ހުތުބާގައި ބުނީ ރާއްޖޭގެ ބިމަކީ ބަރަކާތްތެރި ފަސްގަނޑެއް ކަމަށާއި މި ބިމަކީ ސައްތަައިން ސައްތަ އިސްލާމީ ބިމެއް ކަމުގައި ވެސް ލައްވާފައިވާ ކަމަށެވެ. އެކަމަކު މި ގައުމު އިސްލާމީ އަގީދާއިން ބޭރަށް ލެވޭތޯ ވަރަށް ގިނަ ޖަމިއްޔާތަކުން މަސައްކަތް ކުރާ ކަމަށް ވެސް ބުނެފައި ވެއެވެ.

"މިފަދަ ނުބައި ރޭވުންތަކުން ސަލާމަތްވުމަށްޓަކައި އަޅުގަނޑުމެން އެކަތި ގަނޑަކަށް ވާން ޖެހެއެވެ. އަހަރުމެންގެ ފަރުދީ އުނިކަން ފޫބެއްދުމަށްޓަކައި އެކަކު އަނެކަކަށް އެހީތެރިވެ އަޅާލަން ޖެހެއެެވެ. ދޭދޭ ފަރުދުންގެ މެދުގައި ހުރި ހިޔާލުތަފާތުވުންތަކާއި ދެބަސްވުންތައް އެއް ފަރާތްކޮށް ޖަމާއަތުގެ މަސްލަހަތު އިސްކޮށް ފަހި މަގުން ކަންކަން ހިނގަން އެބަ ޖެހެއެެވެ." ހުތުބާގައި ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން