ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ މެމްބަރުންނަކީ ސަރުކާރު ތަމްސީލުކުރައްވާ މެމްބަރުންނަށް ނުވި ނަމަވެސް އެ މެމްބަރުންވެސް މަސައްކަތް ކުރައްވަން ވާނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން އިސްވެ އުފައްދަވަން މިހާރު އުޅުއްވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންއެފް)އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ސަރުކާރާއި ރައްޔިތުންގެ މަޖިލިސް ގުޅިގެން ރައްޔިތުންގެ މަސްލަހަތާއި ގައުމުގެ ފައިދާއަށް މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އެގޮތުން ސަރުކާރާއި މަޖިލީހުން ވެސް އީޖާދީކޮށްް ނަތީޖާ ނެރެވޭނެ ގޮތަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އަދި ސަރުކާރަކީ ހިންގާ އަދި ބަޖެޓު ތަންފީޒުކުރާ މުއައްސަސާއަށް ވާތީ ރައްޔިތުންނަށް ހިދުމަތްތައް ލިބެނީ ސަރުކާރުގެ ތެރެއިން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ހަމަ އެހެންމެ މަޖިލީހަކީ އެކަންކަމަށް ބަސް ބުނާ ތަންތަންކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެހެންވީމާ މަޖިލީހުގައި ސަރުކާރު ހިންގާ ޕާޓީގައި އަގުލަބިއްޔަތު ނެތް ނަމަވެސް މަޖިލީހުގެ މެމްބަރުންވެސް މަސައްކަތް ކުރައްވަން ވާނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް." ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ކޮންމެ ފިކުރެއްގެ ބޭފުޅަކު ދާއިރާއެއް ތަމްސީލު ކުރެއްވި ނަމަވެސް އެ އިރެއްގައި ވެރިކަން ކުރާ ޕާޓީއެއްގެ މެމްބަރުންނާ ވާހަކަ ދައްކައިގެން އަދި ރައީސުލްޖުމްހޫރިއްޔާއާ ހަމައަށް އައިސްގެން ވެސް އެ ދާއިރާއަށް ބޭނުންވާ ތަރައްގީގެ ހިޔާލުތައް ހުށަހެޅުމުން އެ ސަރުކާރަކުން ބަލައިގަންނާނެ ކަމަށެވެ.

"އެ ބީދައިން ކަންކަން ހިނގާ ކަމަށްވަންޏާ ކޮންމެހެނެއް ސަރުކާރު ހިންގާ ޕާޓީގެ ބޮޑު އަގުލަބިއްޔަތެއް މަޖިލީހުގައި އޮންނާކަށް ނުޖެހޭނެ. ސަރުކާރު ހިންގާ ޕާޓީގެ ބޮޑު އަގުލަބިއްޔަތެއް މަޖިލީހުގައި އޮތީމަ މަސްއުނި ނިޒާމެއްގެ ތެރެއިން ވަރަށް ބޮަޑަށް މި ފެންނަނީ ހުދުމަހުތާރު ވެރިކަމުގެ ސިފަތަކެއް މި ފެންނަނީ." ރައީސް ޔާމީން ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން