މިއަދުން ފެށިގެން މާލެ ސަރަޙައްދުގައި ކުނި އުކާލަން އަންނަ އާއްމު ފަރާތްތަކުގެ އުޅަނދުތަކުން ނަގާ ފީ ކުޑަކުރަން ވެމްކޯ އިން ނިންމައިފިއެވެ.

ވެމްކޯއިން މީގެކުރިން ކުނި ގެންނަ އުޅަނދުތަކުން ޓަނަކަށް ޗާރޖު ކުރީ 1،060.00 ރުފިޔާއެވެ. ނަމަވެސް، 01 މާރިޗު 2024 އިން ފެށިގެން ކުނި އުކާލަން އަންނަ އާއްމު ފަރާތްތަކުގެ އުޅަނދުތަކުން ޗާރޖު ކުރާނީ ޓަނަކަށް 750.00 ރުފިޔާ ކަމަށް ވެމްކޯއިން މަޢުލޫމާތުދެއެވެ.

މީގެއިތުރުން، މާލެ ސަރަހައްދުގައި ކުނިއުކާލުމުގެ ޚިދުމަތް ފޯރުކޮށްދޭ ފެސިލިޓީތަކަށް އަންނަ އާއްމުންނާއި ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކޮންމެ އުޅަނދަކަށް ޚިދުމަތުގެ އަގެއްގެ ގޮތުގައި ވަންނަ ކޮންމެ ފަހަރަކު 150.00 ރުފިޔާގެ ޗާރޖެއް ނަގާނެ ކަމަށް ވެސް ވެމްކޯ އިން ވަނީ ބުނެފައެވެ.

އޭގެ އިތުރުން ވެމްކޯއިން ފޯރުކޮށްދޭ ޚިދުމަތުގެ އަގުތަކަށް މިގެނައި ބަދަލާއެކު މާލެ ސަރަހައްދުގައި ވެއި ބުރިޖް ޤާއިމްވެފައިވާ ފެސިލިޓީތަކަށް ކުނި ގެންނަ އުޅަނދަށް ޗާރޖު ކުރާނީ ގެންނަ ކުނީގެ ބަރުދަނަށް ބަލައި ޓަނަކަށް 2،660.00 ރުފިޔާއެވެ.

އަދި ވެއި ބުރިޖު ޤާއިމުވެފައި ނުވާ ފެސިލިޓީތަކުން އާއްމުންނަށް ޗާރޖުކުރަމުން ދާނީ އުޅަނދުގެ ރަޖިސްޓާރޑް ޓަނަކަށް 750.00 ރުފިޔާގެ މަގުން ކަމަށް ވެސް ވެމްކޯ އިން ވަނީ ބުނެފައެވެ.

ކުނި އުކާލަން އަންނަ އާންމުންގެ އުޅަނދުތަކުން ނަގާ ފީ ކުޑަކުރާނެކަން ވެމްކޯއިން އިއުލާނު ކުރީ، މިދިޔަ ހޮނިހިރު ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން