ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްކުރުމާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެއްވެސް ހިޔާލެއް ނުހޯއްދެވީ ކީއްގެންތޯ ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސުވާލު ކުރައްވައިފި އެވެ.

ރޯދަ މަހު އިންތިހާބު ނުބޭއްވޭ ގޮތަށް އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ފާސްކުރި ބިލު ދެވަނަ ފަހަރަށް ފާސްކޮށް ފޮނުވުމުން އެ ބިލު އިއްޔެ ރައީސް ވަނީ ތަސްދީގު ކުރައްވައިފަ އެވެ.

ރައީސް ޔާމީން އިސްވެ އުފައްދަވަން މަސައްކަތްކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންއެފް)އިން ރޭ ބޭއްވި ޖަލްސާގައި އެކަމަށް އިޝާޜާތް ކުރައްވައި ރައީސް ޔާމީން ވިދާޅުވީ ޕީއެންސީ ފިޔަވައި އެހެން ހުރިހާ ޕާޓީތަކުން ވެސް ބޭނުންވީ ރޯދަ މަހު ފަހުން އިންތިހާބު ބާއްވަން ކަމަށެވެ.

ހަމަ އެހެންމެ އިންތިހާބަށް ކުރިމަތިލާ މީހުންނަށް އެކަށީގެންވާ ފުރުސަތެއް ލިބެން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ވެސް އަމަލު ކުރަން ޖެހޭނީ އެގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ރައީސް މުއިއްޒު ކެމްޕޭނަށް އެކި ރަށްރަށަށް ވަޑައިގެންނެވި އިރު ރައްޔިތުން އިންތިހާބު ފަސްކުރުމާ ގުޅޭ ގޮތުން ދެކޭ ގޮތް ބައްލަވަން ވަރަށް އެކަށީގެންވާ ފުރުސަތުތަކެއް ހޯއްދަވައިފައިވާ ކަމަށެވެ.

"ކީއްވެގެންތޯ ރައީސް މުއިއްޒު މި ހިޔާލު ހޯދުމުގެ ފުރުސަތު ލިބި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އެއްވެސް މަސައްކަތެއް މިކަމުގައި ކުރައްވާފައި ނެތީ، ކީއްވެގެންތޯ؟" ރައީސް ޔާމީން ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން