މިރޭ ދަނޑިކޮށި ޖަގަހައިގައި ބޭއްވި "ދޮގު ދޮލަނގު ޖަލްސާ"
މިރޭ ދަނޑިކޮށި ޖަގަހައިގައި ބޭއްވި "ދޮގު ދޮލަނގު ޖަލްސާ"
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ވެރިކަމަށް އައުމާއެކު ޚުދުމުހްތާރު ވެރިކަމެއް ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަދި އެމްޑީޕީގެ އިސް ލީޑަރު، އިބްރާހިމް މުޙައްމަދު ޞާލިޙް މިހެން ވިދާޅުވެފައިވަނީ މިރޭ ދަނޑިކޮށި ޖަގަހައިގައި ބޭއްވި "ދޮގު ދޮލަނގު ޖަލްސާ" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިޙު ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރު ވެރިކަމަށް އައުމާއެކު ފައްކާވެފައި އޮތް ޑިމޮކްރެޓިކް ނިޒާމު ހަލާކުކޮށްލައި ޚުދުމުހްތާރު ވެރިކަމެއް ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އަދި ގާނޫނު އަސާސީން ދީފައިވާ ހައްގުތައް ހިފެހެއްޓުމުގެ މަސައްކަތް މިސަރުކާރުން ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ސޯލިޙު ތުހުމަތު ކުރެއްވިއެވެ.

"މިސަރުކާރު ވެރިކަމަށް ފުރަތަމަ އައުމާ އެކީގައި ކުރަން ފެއްޓި ކަމަކީ ފައްކާވެފައި މިއޮތް ޑިމޮކްރެޓިކް ނިޒާމު ހަލާކުކޮށްލައި ޚުދުމުހްތާރު ވެރިކަމަކަށް ބަދަލު ކުރުމުގެ މަސައްކަތް. ދޮގު ހަދާ އޮޅުވާލުމުގެ އިތުރަށް، ގާނޫނު އަސާސީން އަޅުގަނޑުމެންނަށް ދީފައިވާ ހައްގުތައް ހިފެހެއްޓުމުގެ މަސައްކަތް." ރައީސް ސޯލިހު ވިދާޅުވިއެވެ.

އެގޮތުން މިސަރުކާރުން އެންމެ ފުރަތަމަވެސް ނޫސްވެރިކަމުގެ މިނިވަންކަން ހުއްޓުވުމަށްޓަކައި މަސައްކަތްކޮށް އެތައް ސައިޓެއް ބްލޮކް ކުރެއްވިކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި ދެވަނަ ކަމަކަށް ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލަން، މަޖިލީހުގެ އަގުވައްޓާލައި، ގާނޫނު އަސާސީން ލިބިދީފައިވާ ބާރުތައް ނައްތާލަން މަސައްކަތްކުރެއްވި ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

"ޑިމޮކްރެސީއެއްގައި ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ އަޑު، ރައްޔިތުންގެ ފަރާތުން ވަކާލާތުކޮށް ރައްޔިތުންގެ ފަރާތުން ބަސް ބުނަން އެއްވެ އޮތް ތަން. އެތަނުގެ އަގު ވައްޓާލައި ގާނޫނު އަސާސީން ލިބިދީފައިވާ ބާރުތައް ނިގުޅައިގަތުމަށްޓަކައި މަސައްކަތް ކުރެއްވި. އެގޮތުން ފުރަތަމަ ކުރެއްވި ކަމަކީ، އެތައް ބުރަ މަސައްކަތުން އަޅުގަނޑުމެން އެމްޑީޕީން ހޮވާފާއި ތިވި މެންބަރުން ތަކެއް، އެ ކުރި ކަމެއް ކޮށްގެން ގެންދިޔައީ. 12 ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގެންގޮއްސި. ފެންފޮދެއް ބޯލާހެން އެކަން ކޮށް ނިންމައިފި. ދިރުވާލައިފި. ހުދު ފޮތިކޮޅެއްހެން އެބަ ހުންނަވާ. މިއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަގު ވައްޓާލައި ބާރު ކަނޑުވާލުމަށްޓަކައި ފުރަތަމަ ކުރެއްވި ކަންތައް." ރައީސް ސޯލިހު ވިދާޅުވިއެވެ.

"ދެވަނަ ކަމަކަށް ކުރެއްވީ ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަސް އެއީ ބަންދު ދުވަހެއް ނޫންގޮތުގައި ކަނޑައެޅި. އޭގަވެސް އެޔަށް ލިބިފައި އޮތް، ކުރީންސުރެއްވެސް ދެމުން އައި އިއްޒަތާއި ބާރު ކަނޑުވާލީ."

ރައީސް ޞަލިހު ވިދާޅުވީ 1932 ވަނަ އަހަރުން ފެށިގެން، ރާއްޖެއަށް ޤާނޫނު އަސާސީއެއް ލިބުނު ދުވަހުން ފެށިގެން އެ ދުވަހަކީ ބަންދު ދުވަހެއް ގޮތުގައި އޮތް އޮތުން ރައީސް މުއިއްޒު ބަދަލު ކުރެއްވީ މަޖިލީހަށް އެންމެ ކުރިއްސުރެ ދެމުން އައި ގަދަރާއި އިއްޒަތާއި ބާރު ކަނޑުވާލުމަށްޓަކައި ކަމަށެވެ.

މިހެންކަމުން ގައުމު ހަމަމަގަށް އެޅުވުމަށް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އެމްޑީޕީ މެމްބަރުން ކާމިޔާބު ކުރުން މުހިންމު ކަމަށް ރައީސް ސޯލިޙު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން