ރާއްޖޭގައި އޮތް އިންޑިއާގެ އަސްކަރީ މަތިންދާ ބޯޓާއި ދެ ހެލިކޮޕްޓަރު ދުއްވަން އިންޑިއާއިން މަދަނީން ހަމަޖެއްސުމަކީ އަރަތެއް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެެވެ.

އެމްޑީޕީ ހަރުގޭގައި، ރޭ ބޭއްވި "ދޮގު ދޮލަނގު" ޖަލްސާގައި ވާހަކަ ދައްކަވަމުން ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ރާއްޖޭގައި ބޭނުންކުރާ އިންޑިއާގެ އަސްކަރީ އުޅަނދުތައް ދުއްވާނީ އިންޑިއާގެ މަދަނީން ކަމަށް ބުނެ ސަރުކާރުން ހަދަނީ ބުހުތާނު ދޮގު ކަމަށެެވެ. އަސްކަރީ އުޅަނދު ދުއްވަން މަދަނީން ގެންނަ ވާހަކަ ބުނުމުން އެކަމަށް ޕީޕީއެމް/ ޕީއެންސީގެ ސަޕޯޓަރުން މިހާރު އޯކޭތޯ ސުވާލު ކުރައްވައި މާރިޔާ ވަނީ އަސްކަރީ އުޅަނދުތައް ދުއްވަން މަދަނީން ގެންނަ ނަމަ ވަކި ގައުމަކުން ގެންނަންވީ ކީއްވެގެންތޯއޭ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ.

މާރިޔާ ވިދާޅުވީ ދެ ހެލިކޮޕްޓަރާއި މަތިންދާ ބޯޓު ދުއްވަން ކުރީގެ ސަރުކާރުގައި އިންޑިޔާ މީހުން ތިބުމުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލޭ ކަމަށް އޭރުގެ އިދިކޮޅުގައި ތިބި މިހާރު ސަރުކާރުގައި ތިބި އިސް ފަރާތްތަކުން ވިދާޅުވަމުން ގެންދެވި ކަމަށެވެ. ދެ ހެލިކޮޕްޓަރާއި މަތިންދާ ބޯޓު ދުއްވަން އިންޑިއާގެ ސިފައިން ތިބި ނަމަވެސް އެމްއެންޑީއެފުގެ ހުއްދައެއް ނެތި ކުރިން ވެސް އުދުއްސައި ނުގަނެވޭނެ ކަމަށް މާރިޔާ ފާހަގަކުރެއްވިއެވެ.

މާރިޔާ ވަނީ އިންޑިއާ ކަހަލަ ގައުމެއްގައި އާންމު ރައްޔިތުން ޕައިލެޓުން ގޮތުގައި ތިބޭތޯ އާއި ސިވިލް ސާވަންޓުން ގޮތަށް ދިވެހިރާއްޖެއަށް ބޭނުން ވެދާނެތީ ކުއްލިއަކަށް އާދައިގެ ހެދުން އަޅާލައިގެން ތިބޭނެތޯ ސުވާލު ކުރަށްވާފައެވެ.

"އެއްވެސް ތަނެއްގައި އިއުލާނުކުރިތޯ ޕައިލެޓުން ބޭނުން ވެގެން. އެއްވެސް އިންޑިއާގެ ނޫހަކުން ދެކެވަޑައިގެންނެވިންތޯ؟ އެ އަންނަނީ ކޮން ބައެއްތޯ؟ އެގޮތަށް ތައްޔާރުވެފައި ކުރިން ވެސް ތިބި މީހުން. އެކަމަކު ދިވެހި ރައްޔިތުން ގަޅި ހައްދާނަމޭ ހިތާ މި ވާހަކަތައް މި ދައްކަނީ." މާރިޔާ ވިދާޅުވި އެވެ.

ސާވިއަލެންސް އޮޕަރޭޝަންތަކާއި ބަލި މީހުން އުފުލުމަށް ބޭނުންކުރާ އިންޑިއާގެ އަސްކަރީ އެ އުޅަނދުތައް ދުއްވަން ދެން ތިބޭނީ އިންޑިއާގެ މަދަނީން ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ. އެ ތަކެތި ދުއްވަން އަންނަ އިންޑިޔާގެ މަދަނީ މީހުން މިހާރު ވަނީ ރާއްޖެ އައިސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން