މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ. އައިޝަތު ޝިހާމް (މ)
މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ. އައިޝަތު ޝިހާމް (މ)
އަންހެން ވިޔަފާރިވެރިންނަށް ޚާއްސަކޮށް ދޫކުރާ "ފަށާ މަދަދު" ލޯނު މާދަމާ ދޫކުރަން ފަށާނެކަމަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

އެސްޑީއެފްސީން ބުނީ މި ލޯނުން ފައިނޭންސް ކޮށްދިނުމަށް ހަމަޖެހިފައި ވަނީ އަންހެން ވިޔަފާރިވެރިންގެ ތެރެއިން އާމްދަނީ ކަށަވަރު ނުވުމުގެ ސަބަބުން ކޮންވެންޝަނަލް ބޭންކުތަކުން ޚިދުމަތް ލިބިދިނުމުގައި ދަތިތައް ދިމާވާ ފަރާތްތަކަށް ކަމަށެވެ.

އެގޮތުން އަހަރަކު 6 އިންސައްތައިގެ އިންޓްރެސްޓާއެކު އަލަށް ވިޔަފާރިފަށާ ފަރާތްތަކަށް 100،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ ޢަދަދަކަށް ލޯނު ދިނުމަށް ވަނީ ހަމަޖެހިފައެވެ. ގިނަވެގެން 12 މަސްދުވަހުގެ ގްރޭސް މުއްދަތެއް ލިބޭ މިލޯނު 7 އަހަރު ދުވަހަަށް ބަހާލައިގެން ދެއްކޭނެ އިންތިޒާމު ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.

އޭގެއިތުރުން، އަންހެން ވިޔަފާރިވެރިންނަށް ޚާއްސަކޮށްގެން ފަށާ ލީޒިން ސްކީމެއްވެސް އެސްޑީއެފްސީންވަނީ ތަޢާރަފްކޮށްފައެވެ. މިސްކީމުގެ މަޤްޞަދަކީ ދިވެހި އަންހެނުންގެ ތެރެއިން އަމިއްލަ މަސައްކަތްކުރާ ފަރާތްތަކާއި ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން އެ ފަރާތްތަކުގެ ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ ހަރުމުދާ ގަތުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުން ކަމަށް އެސްޑީއެފްސީން މަޢުލޫމާތުދެއެވެ.

އެގޮތުން ފަށާ މަދަދު ލީސިންގެ ދަށުން 10،000 ރުފިޔާއާ 100،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ލޯނު ދޫކުރާނެއެވެ. އިންޓަރެސްޓުގެ ގޮތުގައި 8 ޕަސަންޓު ނަގާ މި ލީސިންގއަށް ގްރޭސް މުއްދަތުގެ ގޮތުގައި 6 މަސް ލިބޭއިރު، ލޯނު ދައްކަން ލިބޭނީ ފަސް އަހަރު ދުވަހެވެ.

މި ލޯން ސްކީމުގެ 25 އިންސައްތަ ޚާއްޞަ އެހީއަށް ބޭނުންވާ އަންހެނުންނަށް ޚާއްސަކޮށްފައި ވާއިރު، ވިޔަފާރީގެ ދާއިރާއަށް ނުކުތުމަށް ފުރުސަތު ލިބި، މާލީ ޙާލަތު ކަށަވަރުނުވުމުން ލޯނު ނުލިބޭ ފަރާތްތަކަށްވެސް މިލޯން ސްކީމުގެ ތެރެއިން ފުރުސަތު ފަހިވެގެންދާނެ ކަމަށް އެސްޑީއެފްސީން ވަނީ ބުނެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އެއް ވައުދު ކަމަށްވާ އަންހެނުން ބާރުވެރި ކުރުމުގެ މަސައްކަތުގެ ތެރެއިން އަންހެނުންނަށް ހާއްސަކޮށްގެން ދޫކުރުމަށް ނިންމާފައިވާ 100 މިލިއަން ރުފިޔާގެ ލޯނު ވަރަށް އަވަހަށް ދޫކުރަން ފަށާނެކަމަށް މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ. އައިޝަތު ޝިހާމް ވެސް ވަނީ ވިދާޅުވެފައެވެ.

އެގޮތުން އަންހެނުންނަށް ޚާއްސަ 100 މިލިއަން ރުފިޔާގެ ލޯނު އަދި ލީސިންގ ސްކީމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހަފްތާ 14ގެ ވަޢުދުގެ ތެރޭގައި ހިމެނޭކަމެކެވެ.

އަންހެނުން ފުދުންތެރި ބަޔަކަށް ހެދުމަށް މިސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ހިޔަލަ ވީކެންޑް މާކެޓެއްވެސް މިހާރުވަނީ ހުޅުވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން