ރައީސުލްޖުމްހޫރިއްޔާ ރ. އަލިފުށި ރައްޔިތުންނާ ބައްދަލުކުރެއްވުމިގެ ތެރެއިން.
ރައީސުލްޖުމްހޫރިއްޔާ ރ. އަލިފުށި ރައްޔިތުންނާ ބައްދަލުކުރެއްވުމިގެ ތެރެއިން.
ފުރަތަމަ 14 ހަފްތާގައި ކުރަން ކަނޑައެޅި ހުރިހާކަމެއް ފުރިހަމަ ކުރެވިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މިއަދު މެންދުރުފަހު މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަލިފުށި ސުކޫލުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ އަމާޒަކީ އާ ވައުދުތަކެއް ވުން ނުން ކަމަށާއި، ކުރިން ވެފައިވާ ވައުދުތައް އަލުން ތަކުރާރު ކުރުމާއި، އެ ވައުދުތައް ހާސިލު ކުރުމަށް ކުރެވޭ މަސައްކަތުގެ އަޕްޑޭޓް ރައްޔިތުންނަށާއި، ކައުންސިލްތަކަށް ދިނުން ކަމަށެވެ. އެގޮތުން މި ސަރުކާރު ހަވާލުވާތާ ފުރަތަމަ 14 ހަފްތާ ތެރޭގައި ކުރަން ކަނޑައަޅާފައިވާ ހުރިހާކަމެއް ފުރިހަމަ ކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި އިއްޔެ ތަޢާރަފުކުރި އެއަރ އެމްބިއުލާންސާއި، މިޚިދުމަތް ފުޅާކޮށް އެއަރ އެމްބިއުލާންސްގެ ގޮތުގައި ސީ ޕްލޭން ތަޢާރަފް ކޮށް ދިވެހިންނަށް އަމިއްލައަށް މި ޚިދުމަތް ދެވޭނެ ގޮތް ހަމަޖެހިގެން ދާނެކަމުގައެވެ. މީގެ އިތުރުންވެސް، މި ސަރުކާރުން، ދެން ހުރި ކަންކަމުގައިވެސް އަމިއްލަ ފައިމައްޗަށް ތެދުވެވޭތޯ މަސައްކަތްކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ރަށްރަށުގެ ތަރައްޤީއަށް ފަށާފައި ހުރި މަޝްރޫޢުތައް ނިންމަވައި، އަދި އިތުރަށް މި ސަރުކާރުންވެސް ރަށްރަށުގެ ތަރައްޤީއަށްޓަކައި ވަޢުދުވެފައިވާ ކަންކަންވެސް ކޮށްދެއްވާނެކަމަށެވެ.

އަލިފުއްޓަކީ، ރައީސުލްޖުމްހޫރިއްޔާ މާޅޮސްމަޑުލު އުތުރުބުރިއަށާއި ދެކުނުބުރިއަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަޑައިގެންނެވި ފުރަތަމަ މަންޒިލެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި އެމަނިކުފާނު މި ދެއަތޮޅުގެ އަތޮޅު ކައުންސިލާއި، ދެ އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ތަރައްޤީއަށް އެންމެ މުހިންމު މަޝްރޫޢުތަކާއި، ރައްޔިތުންނަށް އެންމެ ބޭނުންވެފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން