ދިވެހި ޒުވާނުންނަކީ ވިޔަފާރިއާއި އިނޮވޭޓިވް މަސައްކަތްތަކަށް ވަރަށް ފޯރި ހުންނަ ބައެއް ކަމަށް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ޒުވާނުންނަށް އަމާޒުކޮށް ޔޫތު މިނިސްޓްރީން ކުރިއަށް ގެންދާ ޔޫތު ހެކަތޯން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ، ހެކަތޯންގައި ތިން ޗެލެންޖަކަށް ހުޅުވާލާފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް ކަމަކީ ދިވެހި ޒުވާނުން ވަރަށް ބޮޑަށް އެކަމަކަށް ހައްލު ބޭނުންވާ އެއް ކަަންތައް ކަމުގައިވާ މެންޓަލް ހެލްތަށް ކުރަމުންދާ ހަނގުރާމަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގަ މިއަދު މިތަނުގަ އެއްވެ ތިބި ޒުވާނުން، މި މެންޓަލް ހެލްތް ޗެލެންޖްގެ ތެރެއިން އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ މުއައްސަސާތަކަށް ރަނގަޅު ފަރުވާއެއް މިކަމުގަ ހޯދާދޭނެ" މިނިސްޓަރު ވިދާޅުވިއެވެ.

ދިވެހި ޒުވާނުންގެ އިންސައްތަ ދުވަހެއް ދުވަހަކަށް އިތުރުވަމުންދާކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، މިއަދު ހުޅުވާލި އިނޮވޭޓިވް މާކެޓް ޕްލޭސް ޗެލެންޖާއި ކްރިއޭޓަރ އިކޮނޮމީ ޗެލެންޖްގައިވެސް ވަރަށް ރަނގަޅު މަސައްކަތްތަކެއް ފެނިގެން ދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.

މި ހެކަތޯންގައި ތިން ދާއިރާއަކުން ހުށަހެޅުންތައް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އެއްވަނައަށްދާ ޓީމަކަށް 1 ލައްކަ ރުފިޔާގެ އިނާމެއް ހުށައަޅާފައިވެއެވެ. ހެކަތޯންގައި ހުށައެޅުންތައް ހުށައެޅުމަށް ހުޅުވާލާފައިވާ ތިން ދާއިރާ އަކީ މެންޓަލް ހެލްތާއި އިނޯވޭޓިވް މާކެޓްޕްލޭސް އަދި ކްރިއޭޓާ އެކޮނޮމީއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ، ހެކަތޯނަށް ލިބިފައިވާ ތަރުހީބުން ދައްކުވައިދެނީ ދިވެހި ޒުވާނުންގެ ތެރޭގައި ވަރަށް ކުޅަދާނަ އަދި ފަންނީ ކުދިން ތިބިކަން ކަމަށެވެ.

މި ހަރަކާތުގައި ޒުވާން އަންހެނުން ނިސްބަތުން ގިނަ އަދަދަކަށް ބައިވެރިވެފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިއަދު ފެށި "ޔޫތު ހެކަތޯން" ހާއްސަކޮށްފައި ވަނީ 18-35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން