ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ޓެކްސް ބޭސް ފުޅާކުރަން މަސައްކަތް ކުރަށްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރ. އަލިފުށީ ރައްޔިތުންނާއި މިއަދު މެންދުރުފަހު ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އާ ޓެކްސް އެއް ތައާރަފް ކުރަން ސަރުކާރުން ނިއްމާފައިނުވާނެ ކަމަށެވެ. އެހެން ނަމަވެސް މިހާރު ޓެކްސް ނަގާ ނިޒާމްގެ ތެރެއިން ޓެކްސް ބޭސް ފުޅާކުރަން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

"އާމްދަނީ އިތުރުކުރެވޭނެ ގޮތް، ޓެކްސް ބޭސް ފުޅާކޮށް، ޓެކްސް ނިޒާމުގެ ތެރެއިން މިހާރު ދެން އިތުރަށް މިހާރުގެ ޓެކްސްތައް ލިބޭނެ ގޮތްތައް، ޓެކްސް ބޭސް ފުޅާކުރުމުގެ މަސައްކަތް މިކުރަނީ. އާ ޓެކްސްއެއް ނަގާ ވާހަކައެއް ނޫން." ރައީސް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އަންނަ އަހަރު ދައްކަންޖެހޭ ބޭރުގެ ވަރަށްގިނަ ދަރަނިތައް އެބަހުރި ކަމަށާއި އެހެންކަމުން އިޤްތިޞާދު ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ. އެގޮތުން އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓް ކުރުމަށް، އިންވެސްޓަރުންގެ އިންވެސްޓަރ ކޮންފިޑެންސް ޔަގީން ކަން ސަރުކާރުން ދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންވީމާ، މި ބަލަނީ އިޤްތިޞާދު ފުޅާކުރަމުން، އާ ފުރުޞަތުތައްވެސް ދެމުން، އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓް ކުރުމަށް، އިންވެސްޓަރުންގެ އިންވެސްޓަރ ކޮންފިޑެންސް، އެ މީހުންނަށް ޔަޤީންކަން އިތުރުކޮށްދޭން މި އަތޮޅަށްވެސް އަޅުގަނޑު ވަޢުދުވިން، ގިނަ ޓޫރިސްޓް ރިޒޯޓުތަކަށް އަދިވެސް ފުރުޞަތު ދޭނެ ވާހަކަ. ޓޫރިސްޓް ރިޒޯޓުތަކަކަށް އަޅުގަނޑުމެން ހުޅުވައިލިޔަސް، ބަޔަކު ނާންނާނެ، ރާއްޖޭގެ އިޤްތިޞާދުގައި އެ ބުންވަރު ހުރިކަމަށް އެ މީހުންނަށް ގަބޫލު ނުކުރެވެންޏާ." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ ސޮވަރިން ޑިވެލޮޕްމެންޓް ފަންޑަށް 30 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މި އަހަރު ނިމޭއިރު 100 މިލިއަނެއްހާ ޑޮލަރު ފަންޑަށް ޖަމާކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން