ކައުންސިލްތައް ބާރުވެރި ކުރުމުގެ ގޮތުން އިހުތިސާސްގައި ނުހިމެނޭ ރަށްތައް 25 އަހަރަށް ދޫކުރަން ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަ ކުރައްވާފައިވަނީ ރ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރ. މީދޫ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ކައުންސިލްތައް ބާރުވެރި ކުރުމަކީ މި ސަރުކާރުގެ ބޮޑު އަމާޒެއްކަމަށެވެ. އަދި އެގޮތުން އިހުތިސާސްގައި ނުހިމެނޭ ފަޅުރަށްތައް ވެސް އެކި ބޭނުންތަކަށް ކައުންސިލްތަކަށް ދޫކުރަން ނިންމާ އެކަން ގެޒެޓް ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިހާރު އިއުލާނު ކޮށްފައިވާނީ 10 އަހަރަށް ރަށްތައް ދޫކުރަން ކަމަށާއި ނަމަވެސް، ވިޔަފާރީގެ ރަނގަޅު އިންވެސްޓްމަންޓްތައް ކުރިއަށް ގެންދިޔުމަށް އެއަށްވުރެ ގިނަ އަހަރަށް ރަށްތައް ލިބުމަކީ މުހިންމު ކަމެއްކަމަށެވެ. އެހެންކަމުން ގާނޫނީގޮތުން އެކަމަށް އޮތް ހައްލުތަކަކީ ކޮބައިކަން މިހާރު ވެސް ބަލަމުންދާކަމަށާއި އެގޮތުން، 25 އަހަރަށް ރަށްތައް ދޫކުރަން ނިންމާފައިވާކަމަށެވެ.

އަދި އެއަށްވުރެ ވެސް ގިނަ އަހަރަށް ރަށްތައް ދޫކުރަން ސަރުކާރުން ވިސްނާފައިވާކަމަށް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ، މިހާރު އިއުލާނު ކޮށްފައިވާ ލިސްޓްގައި 26 ވަރަކަށް ރަށް އޮތްނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ރަށްތައް ވެސް އިއުލާނު ކުރެވޭނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން