ގިޔާސުއްދީން ސްކޫލްގެ އެސެމްބްލީއެއްގެ ތެރެއިން.
ގިޔާސުއްދީން ސްކޫލްގެ އެސެމްބްލީއެއްގެ ތެރެއިން.
އެޑްމިޝަން ފޯމުގައި ޓްރާންސްޖެންޑާ ޖެހިފައި ވަނީ ރަނގަޅަށް ޗެކް ނުކުރެވި ހުރުމުން ކަމަށް ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުން ބުނެފިއެވެ.

އެ ސްކޫލުުން މިއަދު އާންމުކުރި ނޫސްބަޔާނުގައި ބުނީ، އެ މައްސަލަ ދިމާވީ ގްރޭޑް 1ށް ވަނުމަށް ފުރާ ފޯމުގައި ކަމަށެވެ. އެ ފޯމު ހުށަހަޅަން ހުޅުވާލާފައި ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. އެ ސްކޫލުން ބުނެފައި ވަނީ، ޓްރާންސްޖެންޑާ ހިމަނައި ފޯމު ބަދަލު ކޮށްފައި ވަނީ ބޭރު ގައުމުތަކުގައި ހިންގާ ސްކޫލުތަކުގެ އެދުމުގެ މަތިން ކަމަށެވެ.

އެެހެންކަމުން ރާއްޖޭގައި ހުންނަ ސްކޫލުގެ ފޯމު އާންމު ކުރި އިރު ރަނގަޅަށް ޗެކް ނުކުރެވުމުގެ ނަތީޖާއެއްގެ ގޮތުން އެ ފޯމުގައިވެސް ޓްރާންސްޖެންޑާ އޮޕްޝަން ޖެހިފައި އިންކަމަށް އެ ސްކޫލުން ބުނެއެވެ.

ގިޔާސުއްދީން ސްކޫލުން ބުނީ އެޑްމިޝަން ފޯމުގައި އެގޮތަށް ލިޔެވިފައި ވާކަން ސްކޫލުގެ ސަމާލުކަމަށް އައުމާއެކު އެކަން ޑިވެލޮޕަރުންގެ ސަމާލުކަމަށް ގެނެސް، އެ އޮޕްޝަން ފޯމުން ފުހެލާފައި ވާނެ ކަމަށެވެ.



ގިޔާސުއްދީން ސްކޫލުން އާންމު ކުރި މި ބަޔާނުގައި އެ ސްކޫލުގެ ފޯމު އެފަދަ ގޮތަކަށް އާންމުކުރެވުނީތީ ސްކޫލުން ވަނީ ބެލެނިވެރިންނާއި އާންމުންގެ ކިބައިން މައާފަށް އެދިފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އެފަދަ ކަމެއް ތަކުރާރު ނުވާނެކަމުގެ ޔަގީންކަން ދޭ ކަމަށް އެ ސްކޫލުގެ ބަޔާނުގައި ވެއެވެ.

ގިޔާސުއްދީން ސްކޫލުން ބުނީ ވޭތުވެދިޔަ 14 އަހަރު އެ ސްކޫލުން މަސައްކަތް ކޮށްފައި ވާނީ އިސްލާމް ދީނުގެ ހަމަތަކާއި އަހުލާގީ މިންގަނޑުގެ ތެރޭގައި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން