ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަ ދުވަހާއި ޖެހިގެން އަންނަ ދުވަސް ވެސް ބަންދުކުރަން އެދޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ހަބީބް މިއަދު އެކްސްގައި ވަނީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބު ބޭއްވި އިރު އިންތިހާބު ބޭއްވި ދުވަހާއި އޭގެ ޖެހިގެން އައި ދެ ދުވަސް ވެސް ސަރުކާރު ބަންދުކުރިކަން ފާހަގަ ކުރައްވައިފަ އެވެ.

އަދި ސަރުކާރު ބަންދުކުރިކަން އިއުލާންކޮށް ރައީސް އޮފީހުން ނެރުނު އިއުލާނުގެ ކޮޕީއެއް ވެސް އެކްސްގައި ހިއްސާ ކުރެއްވި އެވެ.

ހަބީބް "ރަސް" އަށް ވިދާޅުވީ މީގެ ކުރިން ވެސް އެގޮތަށް އަމަލުކޮށްފައިވާތީ މި ފަހަރުވެސް އިންތިހާބު ބާއްވާ ދުވަހާ ޖެހިގެން އަންނަ ދުވަސް ބަންދުކުރަން ދަންނަވާނެ ކަމަށެވެ.

"މިހާރު ވޯޓުލުން މި އޮންނަނީ ސްކޫލުގައި. ދެން ސްކޫލުތަކުގެ ގޮނޑިތަކާ އެއްޗެތި އަލުން އަތުރާ އަދި އިންތިހާބު އޮންނަ ދުވަހު މަސައްކަތް ކުރާ ޓީޗަރުންނަށް ވެސް ވަގުތު ދޭން ޖެހޭ ދޮއްތޯ؟" ހަބީބް ވިދާޅުވި އެވެ.

މި މަހުގެ 17 ވަނަ ދުވަހު މަޖިލިސް އިންތިހާބު ބާއްވަން ކުރިން ނިންމާފައި އޮތް ނަމަވެސް ރޯދަ މަހު އިންތިހާބު ނުބޭއްވޭ ގޮތަށް އިންތިހާބާއިބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ، މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވުމާ ގުޅިގެން އިންތިހާބު އޭޕްރީލް 21 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ނިންމައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން