ރ. އަނގޮޅިތީމުގައި ޕޮލިސް ޕޯސްޓު ގާއިމު ކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފުރިހަމަކުރުމަށް މަސައްކަތްކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އަނގޮޅިތީމު ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ)އާއެކު ރ. އުނގޫފާރު ކައުންސިލުގެ އިދާރާގައި މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސް ވިދާޅުވީ އަނގޮޅިތީމުގައި ޕޮލިސް ޕޯސްޓު ގާއިމު ކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފުރިހަމަކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.

މި ބައްދަލުވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އެރަށުގެ ފެނާ ނަރުދަމާގެ މަސައްކަތް އަވަސްކުރުމާއި، ޓީޖެޓީއަކާއި މޫދަށް އެރޭނެ ސަރަހައްދެއް ތަރައްޤީކުރަން ބޭނުންވާކަމަށާއި ހެލްތު ސެންޓަރުގެ ޚިދުމަތް 18 ގަޑިއިރަށް އިތުރުކުރަން އެދުން ހިމެނެއެވެ.

މީގެ އިތުރުން އޭޓީއެމްގެ ޚިދުމަތާއި ހޭންޑް ބޯލްކޯޓާއި ރަށުގެ އިޖުތިމާޢީ ތަރައްޤީއަށް ބޭނުންވާ ކަންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި އަނގޮޅިތީމު އ.ތ.މ ކޮމިޓީން ވަނީ އެކޮމިޓީގެ މަސައްކަތްތައްކުރުމަށް ލިބޭ ބަޖެޓު ކުޑަކަން ފާހަގަކުރަށްވާފައެވެ.

ރައީސް އޮފީހުން ބުނީ އަނގޮޅިތީމު ކައުންސިލާއި އ.ތ.މ ކޮމިޓީން ފާހަގަކުރެއްވި ކަންކަން ޙައްލުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމަށް ރައީސް މިއަދު ވިދާޅުވި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން