މާލޭގައި ހުރި ކާބޯތަކެތި ހަދާ ތަންތަނުގެ ތެރެއިން ސާފުތާހިރުކަން ކުޑަ އެތައް ތަނެއް ފާހަގަ ކުރެވިފައި ވާކަމަށާއި އެތަންތަނާމެދު ފިޔަވަޅު އެޅުމަށް ނިންމާފައި ވާކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

އެ ކައުންސިލުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީއާ ގުޅިގެން މާލެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ މާސް އިންސްޕެކްޝަން ޕްރޮގްރާމަށްފަހު އާއްމުކުރި ނޫސްބަޔާނުގައި ބުނީ، އެއީ ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރު ވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ހުޅުމާލެ ޑިވޮލޮޕްމެންޓް ކޯޕަރޭޝަނާއި ހުޅުމާލެ ހޮސްޕިޓަލުންވެސް ވަނީ ބައިވެރި ވެފައެވެ.

މި ޕްރޮގްރާމުގައި ބަލާ ފާސްކޮށްފައި ވަނީ މާލެ، ހުޅުމާލެ، ވިލިމާލެ، ހުޅުލެ، ތިލަފުށި، ގުޅީފަޅު އަދި ކްރޮސްރޯޑެވެ.

އެ ޕްރޮގްރާމްގައި ސާފުތާހިރުކަން ކުޑަ ތަންތަން ފާހަގަ ވުމުގެ އިތުރުން، ބިދޭސީން ހުއްދަ ނުނަގާ ގަވާއިދާ ހިލާފަށް ހިންގާ ތަންތަންވެސް ފާހަގަ ކުރެވިފައި ވާކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

"އައިޑެންޓިފައި ކުރެވިފައިވާ ތަންތަނުގެ މައުލޫމާތު ނަގާ އެ ތަންތަނާމެދު ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން ވަނީ ނިންމާފަ." ސިޓީ ކައުންސިލުން ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން