ޗައިނާ ސަރުކާރުން ހަދިޔާކޮށްފައިވާ، 12 ގްރީން އެމްބިއުލާންސް، ޞިއްޙީ ވުޒާރާއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޝަރަފުވެރި ކޮށްދެއްވައިފިއެވެ.

މި ރަސްމިއްޔާތު ކުރިއަށްދިޔައީ މިއަދު ހަވީރު ރޯޝަނީ ބިލްޑިންގގައެވެ.

މިއަދު ހަވާލުކުރި އެމްބިއުލާންސްތަކާއެކު، ކާރިސާގެ ވަގުތުތަކުގައާއި، އެމެޖެންސީ އަދި އެކްސިޑެންޓް ތަކުގައި ބަލިމީހުންނަށް ފޯރުކޮށްދެންޖެހޭ ޞިއްޙީ ކުއްލިފަރުވާ، ރަށްތަކުގައި އަވަހަށް ފޯރުކޮށްދިނުމަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ. އަދި ބޮޑެތި ޕެރަމެޑިކް އެމްބިއުލާންސްތައް ދުއްވުމަށް ދަތިވާ ކުދި ރަށްތަކުގައި ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމުގައި އިތުރު ފަސޭހަކަމެއް ލިބިގެންދާނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޗައިނާ އެމްބަސީގެ ފަރާތުން ގްރީން އެމްބިއުލާންސްތައް ހަވާލުކޮށްދެއްވީ ދިވެހިރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ހަރ އެކްސެލެންސީ ވަންގ ލިޒިންއެވެ. މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ގްރީން އެމްބިއުލާންސްތަކާއި ޙަވާލުވެވަޑައިގެންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު އަލްފާޟިލާ ޚަދީޖާ ޢަބްދުއްޞަމަދު ޢަބްދުﷲއެވެ.



މި ރަސްމިއްޔާތުގައި ޗައިނާ އެމްބަސީއިން ފޯރުކޮށްދިން އެހީތެރިކަން ފާހަގަކޮށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު އަލްފާޟިލާ ޚަދީޖާ ޢަބްދުއްޞަމަދު ޢަބްދުﷲވަނީ ޗައިނާ އެމްބަސީއަށާއި ޗައިނާ ސަރުކާރަށް ޝުކުރު ދަންނަވާފައެވެ. އަދި ކޮންމެ ހާލަތެއްގައިވެސް ޗައިނާ ސަރުކާރުގެ ފަރާތުން އަބަދުވެސް ދިވެހިރާއްޖެއަށް އެހީތެރިކަން ލިބެމުންދާތީ، އެކަން ފާހަގަކޮށް ޗައިނާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން