ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް ހަމަލާދިން މައްސަލައިގައި ހަތް މީހުން ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، މި މައްސަލައިގައި ހައްޔަރު ކުރި އެންމެންނަކީވެސް ދިވެހި ފިރިިހެނުން ކަމަށެވެ.

"ކޯޓު އަމުރުގެ ދަށުން އެކި ދުވަސްމަތިން އެމީހުން ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ." ފުލުހުން ބުންޏެވެ.

މި މައްސަަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ޕީޖީ ޝަމީމަށް ހަމަލަ ދީފައި ވަނީ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ޝަމީމަށް ހަމަލާދިން މައްސަލައާއި ގުޅިގެން ކުރިން ހައްޔަރުކުރި ދެ މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުމުގައި، ޝަރީއަތް ނިމެންދެން އެ ދެމީހުން ބަންދުކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ޕީޖީ ޝަމީމަށް މަރުތޭލަކުން ހަމަލާ ދޭން އުޅުނީ އޭނާގެ އިސްތަށިފުޅަށް ކަމަށެވެ.

އެހެން ނަމަވެސް ހަމަލާ އަރާފައިވަނީ ޕީޖީ ޝަމީމްގެ އަތްޕުޅުގެ މުލައްދަނޑިއަށް ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވާ ކަމަށް އަމުރުގައި ބުނެފައިވެއެވެ. ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވާގޮތުން އެމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުން ޕީޖީ ޝަމީމަށް ހަމަލާ ދޭން އުޅުނު މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖްގެ ސްނެޕް ޝޮޓްތަކެއް ހެކީގެ ގޮތުގައި ފުލުހުން ކޯޓަށް ހުށައަޅާފައިވާ ކަމަށެވެ. އަދި އެމައްސަލައިގައި ހައްޔަރުކުރި މީހުންނަކީ އެބާވަތުގެ ކުށުގެ ރިކޯޑް އޮތް ބައެއް ކަމަށް އަމުރުގައިވެއެވެ.

ފުލުހުން ބުނެފައި ވަނީ ޕީޖީ ޝަމީމަށް ދިން ހަމަލާއަކީ ދުރާލާ ރޭވިގެން ދީފައިވާ ހަމަލާއެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން