ޕާކިންގް ވައިލޭޝަން ސްޓިކާ ޖަހަން ފަށަނީ ކަމަށް ބައެއް މީޑިޔާތަކުން ރިޕޯޓު ކުރަމުން ގެންދާތީ، ފުލުހުން އެކަން ދޮގުކޮށްފިއެވެ.

ފުލުހުން ބުނީ، ފުލުހުން އާއްމުކުރި ނޫސްބަޔާނުގައި އިޝާރާތް ކުރާ މާއްދާތަކަކީ ޓޯ ކުރުމުގެ މާއްދާއާއި ޕާކިންގް ވައިލޭޝަން ސްޓިކާ ޖަހާ ހާލަތްތައް ފިޔަވާ ގަވާއިދާ ހިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރުމުގެ މާއްދާއެއް ކަމަށެވެ.

"އެހެންކަމުން، މިކަމާ ގުޅިގެން ރިޕޯޓް ކުރުމުގައި މިކަމަށް ސަމާލުކަން ދެއްވުމަށް ދަންނަވަން." ފުލުހުން ބުންޏެވެ.

މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ޕާކު ކުރާ އުޅަނދުތަކާމެދު ބުރާސްފަތި ދުވަހުން ފެށިގެން ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނީ އާދިއްތަ ދުވަހުއެވެ.

ފުލުހުން އާއްމުކުރި ނޫސްބަޔާނެއްގައި ބުނީ، މަގުމަތީގައި ހިނގާ މީހުންނާއި ދުއްވާ އުޅަނދުތަކަށް ދަތިވާ ގޮތަށް ގަވާއިދާ ހިލާފަށް އުޅަނދު ޕާކު ކުރަމުންދާ މައްސަލަ ފާހަގަ ކުރެވިފައި ވާކަމަށެވެ.

އެހެންކަމުން، މާލެއާއި ހުޅުމާލޭގައި ފުލުހުން ކަނޑައަޅާ ތަނެއްގައި ނޫނީ ޕާކު ނުކުރުމަށް އިލްތިމާސްކޮށް ފުލުހުން ބުނީ، ބައެއް ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް ޕާކު ކުރޭތޯ ބަލާނެ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ:-

* ގްރީން ޒޯން

* ޕަބްލިކް ޓްރާންސްޕޯޓް ދުއްވާ މަގުތައް

* މަގުތަކާއި ގޯޅިތަކުގެ ކަންމަތި

* ސްކޫލުތައް ހިމެނޭ ސަރަހައްދު

* އޮފީސް އިމާރާތްތަކާއި، ހޮސްޕިޓަލުތަކާއި ހާއްސައެހީއަށް ބޭނުންވާ މީހުންނަށް ހާއްސަކޮށްފައިވާ ތަންތަނާއި، މިސްކިތްތަކާއި، އާއްމު ގޭބިސީތަކާއި ގަރާޖުތަކުން ވަދެނުކުމެ ހަދާ ފަރާތްތަކަށް ދަތިވާނެހެން ޕާކު ކުރުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން