މިިދިޔަ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުވެސް ނުފުއްދާ ކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ، ޕީއެންސީން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޝިޔާމް ވިދާޅުވީ، އިދިކޮޅުގައި ތިބީ ދިވެހި ގައުމު ބަނގުރޫޓު ކޮށްފައިވާ ބައެއް ކަމަށެވެ. އަދި ފަސް އަހަރުގެ ވެރިކަމެއް ނިންމުމަށްފަހު ފިލާ ތިބީ ކަމަށާއި، އިދިކޮޅުން ރައްޔިތުންގެ ކުރިމައްޗަށް ނުކުތީ މަޖިލިސް އިންތިހާބާ ދިމާކޮށް ކަމަށެވެ.

މި ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ވައުދުތައް އެއްކޮށް ފުރިހަމަ ކުރެވިފައި ވާކަން ފާހަގަ ކުރައްވައި ޝިޔާމް ވިދާޅުވީ، މިދިޔަ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުވެސް ނުފުއްދަވާ ކަމަށެވެ. އެގޮތުން އަލަށް އުފަންވާ ކުދިންނަށް ދޭން ބުނި ހަދިޔާ ފޮށިވެސް ދީފައި ނުވާކަމަށް ޝިޔާމް ވިދާޅުވިއެވެ.

"ކޮންމެވެސް ވަރަކަށް އަޅުގަނޑަށް ހީވަނީ ލަދުގަންނަން ޖެހޭ ކަންނޭނގެ އެބަ ރައްޔިތުންގެ ކުރިމައްޗަށް މި ބޭބޭފުޅުން ވަޑައިގަންނަވާ ވާހަކަފުޅު ދައްކަވަން." ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ، އަލަށް އުފަންވާ ކުދިންނަށް ހަދިޔާ ދިނުމުގެ ބަދަލުގައި ކޮންމެ ކުއްޖެއްގެ ބޮލުގައި ބޮޑު ދަރަންޏެއް އަޅުވާފައިވާ ކަމަށެވެ.

ޝިޔާމް ވިދާޅުވީ މީގެ ކުރިން ރާއްޖޭގެ ވެރިކަން ކުރި ހުރިހާ ދައުރެއްގެ ދަރަނިތައް އެއްކޮށްލުމުންވެސް މިދިޔަ ސަރުކާރުގެ ދަރަންޏާ ނުބައްދަލު ކަމަށެވެ. އަދި މިދިޔަ ސަރުކާރުން ކޮވިޑްގެ ނާޖާއިޒު ފައިދާ ނަގާފައި ވާކަމަށް ޝިޔާމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން