ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހިރާއްޖޭގެ އިގްތިސޯދު ހިފަހައްޓަނީ ވޯލްޑް ބޭންކްގެ ތައުރީފު ލިބޭ ވަރަށް ކަމަށް މާލޭ ސިޓީކައުންސިލްގެ ހުޅުމާލޭގެ ކައުންސިލް މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވީ، ރޭ ޕީޕީއެމް/ޕީއެންސީން ކުރިއަށް ގެންދިޔަ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ވެރިކަން ބަދަލުވިއިރު ޓްރާންސިޝަން މަރުހަލާގައި ރައީސް މުއިއްޒު ޕީޕީއެމް/ޕީއެންސީގެ ލީޑަރުންނާ ބައްދަލު ކުރެއްވި އިރު އެ ބައްދަލު ވުމުގައި އިންނެވުނު ކަމަށާއި، އޭރު އެނގިގެން ދިޔައީ މުސާރަ ދިނުމަށްވެސް ފައިސާ ޗާޕު ކުރާ ހާލަތުގައި ގައުމު އޮތްކަން ކަމަށް ޝުޖާއު ވިދާޅުވިއެވެ.

އެހެންކަމުން، އޭރުގެ ސަރުކާރު ހިންގަން ބޮޑަކަށް ތިބި ބޭފުޅުންގެ ނަފްސާނީ ހާލަތާމެދު ސުވާލު އުފެދުނު ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ކުރީ ސަރުކާރުން ވެރިކަން ނިންމާލީ އިގްތިސޯދު ފުނޑުފުނޑު ކޮށްފައި ކަމަށެވެ. އެހެންކަމުން މިވެރިކަމަށް އައި އިރު އެކަމާ ބިރުގަތް ކަމަށާއި، ނަމަވެސް ރައީސް މުއިއްޒު ނިންމަވާފައި ވަނީ މި ވެރިކަމުގައި އެއްވެސް ވަރަކަށް ފައިސާ ޗާޕު ނުކުރަން ކަމަށް ޝުޖާއު ވިދާޅުވިއެވެ.

މީގެ އިތުރުން ޝުޖާއު ވިދާޅުވީ، މިފަދަ ނާޒުކު ހާލަތެއްގައި އޮތް ގައުމެއްގެ އިގްތިސޯދު، ރައީސް މުއިއްޒު ހިފަހައްޓަވާ ގޮތުން އައިއެމްއެފް އަދި ވޯލްޑް ބޭންކުގެ ތައުރީފު އޮހޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން